ބަޔާން މިއުނިކަށް ކުޅެމުން އަންނަ ހަމޭސް ރޮޑްރިގޭސް ގެންނަން ނަޕޯލީގެ ކޯޗު ކާލޯ އެންޗެލޮޓީ ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިޓަލީގެ ނޫސްތަކުން ބުނީ ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ހަމޭސް ގެންނަން ނަޕޯލީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމަށް އެންމެ ބޮޑަށް ބާރު އަޅަނީ އެންޗެލޮޓީ ކަމަށެވެ.
ރެއާލްއިން ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާންއަށް ދޫކޮށްފައިވާ ހަމޭސް ވަނީ ބަޔާންއާއެކު ދެ އަހަރު ހޭދަކޮށްފައެވެ. ބަޔާންގައި ހަމޭސް ހޭދަކުރަންޖެހޭ މުއްދަތު ހަމަވެފައިވާއިރު، އޭނާ ކުރިޔަށް އޮތް ސީޒަނުގައި ރެއާލްއަށް އަލުން ބަދަލުވާނެއެވެ.
ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ހަމޭސް ވިއްކާލަން ރެއާލްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭނާ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖުލައި މަހެވެ.
މީގެ ކުރިން ޕޯޓޯ އަދި ބެންފީކާ އަށް ވެސް ކުޅެފައިވާ ހަމޭސް ވަނީ އޭނާ ރެއާލްގައި ހޭދަކުރި ތިން ސީޒަނުގައި ކުޅުނު 111 މެޗުގައި 36 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު ލަލީގާ، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔުއެފާ ސުޕާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފައެވެ.
ބަޔާން އަށް ކުޅުނު 67 މެޗުގައި 15 ލަނޑު ކާމިޔާބު ކޮށްފައިވާ ހަމޭސް ވަނީ ނިމިގެން ދިޔަ ސީޒަނުގައި އެ ޓީމާ އެކު ޖަރުމަން ބުންޑަސް ލީގާ ވެސް ކާމިޔާބު ކޮށްފައެވެ.
ކޮލަމްބިއާގެ ގައުމީ ޓީމަށް ކުޅުނު 72 މެޗުގައި 22 ލަނޑު ކާމިޔާބު ކޮށްފައިވާ އުމުރުން 27 އަހަރުގެ ހަމޭސް ވަނީ އެޓީމާއެކު 2016 ވަނަ އަހަރު ބޭއްވުނު ކޮޕާ އެމެރިކާގެ ތިންވަނަ ހޯދާފައެވެ.