އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއާ ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އާދީއްތަ ދުވަހު އެނބުރި ގައުމަށް ވަޑައިގެންފިއެވެ.
ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ސްރީ ލަންކާއަށް ވަޑައިގެން އީސް މައިތިރިޕާލާ ސިރިސޭނާ އާއި ބައްދަލުކުރެއްވިއެވެ.
ލަންކާގެ ރައީސް ސިރިސޭނާއާއެކު ބޮޑުވަޒީރުވަނީ އިންޑިއާއިން ގެންގުޅޭ ނެއިބަރހުޑް ފަސްޓް ޕޮލިސީއާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިއީ އެޕްރީލްމަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ފަހުން ގައުމެއްގެ ވެރިއަކު ލަންކާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 250 އަށްވުރެ އިތުރުވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 11 މީހަކު ހިމެނެއެވެ. ބޮޑުވަޒީރު މޯދީ ވަނީ އެ ދުވަހުގެ ހަމަލާ އަމާޒުވި އީސާއީ ދީނުގެ ފައްޅިއަކަށް ޒިޔާރަތްކުރައްވާފައެވެ.
ބޮޑުވަޒީރު މޯދީ ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި 2015 ވަނަ އަހަރު ވެސް އެ ގައުމަށް ވަޑައިގެންފައެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ވެސް ލަންކާއަށް ދަތުރުފުޅެއް ކުރެެއްވިއެވެ.