ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޖޯއީގެ ކެބިނެޓްގައި މިނިސްޓަރ ފޯ ސެކްސް ހަމަޖައްސަވާ އެ މަގާމު އާބާދީއާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ އެޑެލްމީރާ ބެރީރާއަށް ދެއްވައިފިއެވެ.
ސްޕެއިންގެ އާބާދީ ދަށަށްދާ މައްސަލައަށް އިތުރު ސީރިއަސް ކަމެއް އައިސްފައިވަނީ ހުސްވި އަހަރުގެ ރެކޯޑްތަކުން އުފަންވި މީހުންނަށްވުރެ މަރުވި މީހުންގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ.
ސްޕެއިން އަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި އުފައްވާ ރޭޓް އެންމެ ދަށް ގައުމެވެ.
ތަޖުރިބާކާރުންގެ ނަޒަރުގައި ސްޕޭންގެ އާބާދީ ދަށަށް ދިއުމުގެ ސަބަބުތަކުގެ ތެރޭގައި މަސައްކަތުގައި އުޅޭ ވަގުތު އިތުރުވުމާއި، ގެއަށް ދާ ގަޑި ފަސްވުމާއި، ރޭގަނޑު މާ ފަސްކޮށްފައި ކެއުމުގެ އާދަތައް ފަދަ ކަންކަން ހިމެނޭ ކަމަށެވެ.
2008 ވަނަ އަހަރުން ފެށިގެން 2015 އާ ހަމައަށް ސްޕެއިންގެ އާބާދީ 18 އިން ސައްތަ ވަނީ ދަށްވެފައެވެ.
އަދި ހަމައެއާއެކު ދަރިން ނެތް އާއިލާ ތަކުގެ އަދަދު 1977 ވަނަ އަހަރު 1.5 މިލިއަންގައި ހުރި އިރު 2015 ވަނަ އަހަރު އެ އަދަދު 4.4 މިލިއަނަށް ވަނީ މައްޗަށް ގޮސްފައެވެ.
ސްޕޭންގެ ގިނަ އަންހެނުން 2 ނުވަތަ އެއަށް ވުރެ ގިނަ ކުދިން ހޯދަން ބޭނުން ކަމަށް ބުނި ނަމަވެސް ތަފާސް ހިސާބަށް ބަލާއިރު 18 އަހަރާއި 49 އަހަރާ ދެމެދުގެ އުމުރު ފުރާގެ އަންހެނަކަށް ސްޕޭންގައި ޖެހެނީ 1.3 ކުދިންނެވެ. އެއީ ޔުރަޕިއަން ޔުނިއަންގެ މިންގަނޑުން ބަލާއިރު ޖެހޭ 1.58 އަށް ވުރެވެސް ދަށް އަދަދެކެވެ.
ސްޕެއިން އަންހެނުންނަކީ ޔޫރަޕްގައި އެންމެ ދުވަސްވާ ފަހުން ދަރިން ހޯދާ މީހުންގެ ގޮތުގައި ބެލެވިފައިވާ ބައެކެވެ. ސްޕެއިންގައި އެވްރެޖްކޮށް އަންހެނަކަށް ފުރަތަމަ ކުއްޖާ ލިބޭ އުމުރަކީ 32 އެވެ.
ސްޕެއިންގެ އިންސްޓިޓިއުޓް ފޯ ފެމިލީ ޕޮލިސީސް އިން ބުނެފައިވާ ގޮތުގައި ސްޕެއިންގައި ފުރަތަމަ ދަރިފުޅު ހޯދާ އުމުރު ފަސްކުރުމުގައި މާލީ ތަނަވަސްކަން ކުޑަވުން ހިމެނެއެވެ.
ސްޕެއިންގެ ދަށަށްދާ އާބާދީގެ މައްސަލަ ހައްލު ކުރުމަށް އައްޔަން ކުރެވުނު މިނިސްޓަރ އޮފް ސެކްސްގެ މަސްއޫލިއްޔަތުގެ ތެރޭގައި އަބާދީގެ މައްސަލަތައް ހައްލު ކުރުމަށް ގައުމީ ފެންވަރުގެ ސްޓްރެޓަޖީއެއް އެކުލަވާލުން ހިމެނޭ ކަމަށް ސްޕެއިންގެ ދުވަހު ނޫސް އޭބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.