އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ސްރީ ލަންކާއަށް އާދީއްތަ ދުވަހު ވަޑައިގެންފިއެވެ.
ލަންކާގެ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައެވެ.
މޯދީގެ މި ދަތުރުފުޅުގައި ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އިތުރުން ޓަމިލް ނޭޝަނަލް އެލަޔަންސްގެ މެމްބަރުންނާ ބައްދަލުކުރައްވާނެއެވެ.
ބޮޑުވަޒީރު މޯދީ ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި 2015 ވަނަ އަހަރު ވެސް އެ ގައުމަށް ވަޑައިގެންފައެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ވެސް ލަންކާއަށް ދަތުރުފުޅެއް ކުރެެއްވިއެވެ.
މިއީ އެޕްރީލްމަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ފަހުން ގައުމެއްގެ ވެރިއަކު ލަންކާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 250 އަށްވުރެ އިތުރުވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 11 މީހަކު ހިމެނެއެވެ. މޯދީގެ މި ދަތުރުފުޅުގައި ހަމަލާ ދިން ތަންތަނަށް ޒިޔާރަތްކުރައްވާނެއެވެ.