ޔޫރޯ ކޮލިފައިންގައި ކްރޮއޭޝިއާ މޮޅުވިއިރު، ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ގްރޫޕް އީގައި ކުޅުނު މެޗުން ކްރޮއޭޝިއާ މޮޅުވީ ވޭލްސްއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.
ކްރޮއޭޝިއާގައި ކުޅުނު މި މެޗު ފެށިގެން 17 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ ވޭލްސްގެ ލޮވްރެންސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މި ލަނޑަށް ފަހު ވެސް ކްރޮއޭޝިއާ އަށް ވަނީ ލީޑު ފުޅާކުރަން ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި ހާފްގައި ވޭލްސް އަށް ވެސް ވަނީ ލަނޑު ޖެހުމަށް މަދުން ނަމަވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ދެވަނަ ހާފް ފެށިގެން ކްރޮއޭޝިއާ އިން ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު 48 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗްއެވެ.
މެޗުގައި ވޭލްސްގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު 77 ވަނަ މިނެޓުގައި ރޮބަޓްސްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ބްރޫކްސްއެވެ.
މި ގްރޫޕްގައި ހިމެނޭ އަޒަރްބައިޖާނުން ވަނީ 1-3 ގެ ނަތީޖާއަކުން ހަންގޭރީގެ މައްޗަށް ކުރިހޯދާފައެވެ.
މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ހަންގޭރީއެވެ. ދެވަނައިގައި ހަންގޭރީއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ކްރޮއޭޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ ވޭލްސްއެވެ.
ހޮނިހިރު ދުވަހުގެ ރޭ ގްރޫޕް އެޗްގައި ކުޅުނު މެޗުން ފްރާންސް ބަލިވީ ތުރުކީއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.
ތުރުކީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން 30 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކުރީ އައިހާންއެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ތުރުކީން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 40 ވަނަ މިނެޓުގައި ކާމިޔާބުކުރީ އަންޑާއެވެ.
ދެވަނަ ހާފް ފެށިގެންވެސް ތުރުކީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ލީޑު އިތުރަށް ފުޅާކުރަންވެސް އެޓީމަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މުޅި މެޗުގައިވެސް ފްރާންސްގެ ފަރާތުން މާ އެދެވޭ ހަމަލާތަކެއް ފެނިގެން ނުދާއިރު، ތުރުކީގެ ފަރާތުން ގިނަ ހަމަލާތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އަދި ލަނޑު ޖެހުމަށް އެންމެ ގިނަ ފުރުސަތު ލިބުނީވެސް ތުރުކީއަށެވެ.
މި ގްރޫޕްގައި ހިމެނޭ އައިސްލޭންޑުން 0-1 ގެ ނަތީޖާއިން އަލްބޭނިއާގެ މައްޗަށް ކުރިހޯދިއިރު، މޮލްޑޯވާއިން ވަނީ 0-1 ގެ ނަތީޖާއިން އެންޑޯރާގެ މައްޗަށް ކުރިހޯދާފައެވެ.
މި ނަތީޖާއާއެކު ތުރުކީ އޮތީ ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ. ހަ ޕޮއިންޓާއެކު ފްރާންސް ދެވަނައިގައި އޮތްއިރު، ތިންވަނައިގައި ފްރާންސްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން އޮތީ އައިސްލޭންޑެވެ.