އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި ވިވެކް އޮބްރޯއީ ރާއްޖެ އަތުވެއްޖެއެވެ.
ބުރާސްފަތި ދުވަހު އޭނާ ރާއްޖެއައިސްފައިވަނީ ޗުއްޓީ ހޭދަކޮށްލުމަށްޓަކައި އާއިލާއެކުގައެވެ. އެގޮތުން ކުރީގެ މަޝްހޫރު ތަރި އަދި ވިވެކް އޮބްރޯއީގެ ބައްޕަ ސުރޭޝް އޮބްރޯއީވެސް ވަނީ ރާއްޖެ އައިސްފައެވެ.
ވިވެކް އައި އަންހެނުން ޕްރިޔަންކާ އޮބްރޯއީ އަކީ ޕަޑި ޑައިވިނިން ސެޓްފިކެޓްވެސް ހާސިލްކޮށްފައިވާ ބަޔަކަށްވާއިރު، މިއީ ވިވެކް ރާއްޖެއަށް އައި ދެވަނަ ފަހަރެއެވެ.
އެގޮތުން ރާއްޖެއަށް އަނެއްކާވެސް އާދެވުމުން ވަރަށް އުފާވާ ކަމަށާއި ރ. އަތޮޅުގައި ފީނަން ޝައުޤުވެރިވާ ކަމަށް ވިވެކް ބުންޏެވެ.
ވިވެކް ރާއްޖެއަށް ކުރި ދަތުރާއި ގުޅިގެން އަދާރަން ރިސޯޓްސްގެ މެނޭޖަރ ސޭލްސް އެންޑް މާރކެޓިން އަދިތްޔާ ރާޖް ސިންހް ބުނީ ވިވެކް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ އަދާރަންއިން އަލަށް ހަދާފައިވާ ފައިވް ސްޓަރ ޕްރިމިއަމް އޯލް އިންކްލޫސިވް ރިސޯޓް ހެރިޓެންސް އާރަށުގައި ކަމަށެވެ. މި ރިސޯޓަކީ ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ވަރަށް ރީތި ރިސޯޓެކެވެ. އަދި އަދާރަން ޕެރިސްޓީޖް ވާދޫގައިވެސް ވިކެވް އަދި އާއިލާއިން ޗުއްޓީގެ ބައެއް ދުވަސްތައް ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވިވެކް ވަނީ ގިނަ އަދަދެއްގެ އެވޯޑްސްތައްވެސް ހާސިލްކޮށްފައެވެ. އެގޮތުން ފިލްމް ފެއަރ އެވޯޑްސްތައް ވަނީ ހާސިލްކޮށްފައެވެ.
ވިވެކް ރާއްޖެއަށް ޒިޔާރަތްކުރުމުން އެމްއެމްޕީއާރްސީންވެސް ވަނީ އޭނާއަށް މަރުހަބާކިޔާފައެވެ.