ކ. މާލެ
|
6 ޖޫން 2019 | ބުރާސްފަތި 12:50
އެޑެން ހަޒާޑް
އެޑެން ހަޒާޑް
ގެޓީ އިމޭޖަސް
އެޑެން ހަޒާޑް
ރެއާލްއަށް ހަޒާޑް ވިއްކާލަން ޗެލްސީން އެއްބަސްވެއްޖެ
 
ހަޒާޑްގެ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރު

ރެއާލް މެޑްރިޑަށް ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ވިއްކާލަން ޗެލްސީން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ ގާޑިއަން އިން ބުނީ، 100 މިލިއަން ޔޫރޯގެ އަގަކަށް ހަޒާޑް ރެއާލްއަށް ވިއްކާލަން ޗެލްސީން އެއްބަސްވެފައިވާ ކަމަށާއި، ޓްރާންސްފާގެ ތަފްސީލްތައް ކުރިޔަށް އޮތް ދުވަސްތަކުގައި ދެ ކްލަބުން ވެސް ހިއްސާ ކުރާނެ ކަމަށެވެ.

ހަޒާޑް ހޯދުމަށް ރެއާލުން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ކުރިޔަށް އޮތް ސީޒަނުގައި ހަޒާޑް ރެއާލްއަށް ބަދަލުވާނެ ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ރެއާލްގެ އިތުރުން ވެސް ގިނަ ކްލަބްތަކުން އަންނަނީ ހަޒާޑް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިޓަލީ އަދި ޖަރުމަންގެ ކްލަބްތައް ވެސް ހިމެނެއެވެ. ޗެލްސީއާ އެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރެވެ.

ޔޫރޮޕާ ލީގުގެ ފައިނަލް މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ހަޒާޑް ބުނީ، ކުރިޔަށް އޮތް މަދު ދުވަސްކޮޅު ތެރޭގައި ކުރިމަގާ މެދު ގޮތެއް ނިމިގެންދާނެ ކަމަށާއި، އޭނާ ވެސް މަޑުކުރަނީ ގޮތެއް ނިމެންދެން ކަމަށެވެ.

ނަމަވެސް ހަޒާޑް ބުނީ، އޭނާގެ ހުވަފެނަކަށްވީ ޕްރިމިއާ ލީގުގައި ކުޅުން ކަމަށާއި، ހަތް އަހަރުވަންދެން އެ ލީގުގެ އެންމެ ބޮޑު އެއް ކްލަބަށް ކުޅެވިއްޖެ ކަމަށެވެ. އެގޮތުން އޭނާ ބުނީ، މިހާރު އާކަންތައްތަކެއް ތަޖުރިބާކުރަން ބޭނުންވާ ކަމަށެވެ.

ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެ ޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު 352 މެޗުގައި 110 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޗެލްސީއާ އެކު ޔޫރޮޕާ ލީގު ދެ ފަހަރު ކާމިޔާބު ކޮށްފައިވާ ހަޒާޑް ވަނީ އެ ޓީމާ އެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 100 މެޗުގައި 30 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
14%
50%
14%
14%
7%
0%
ކޮމެންޓް
ގުޅުންހުރި