އިންޓަނޭޝަނަލް ފްރެންޑްލީއެއްގައި ގަތަރުގެ މައްޗަށް ބްރެޒިލް ކުރި ހޯދައިފިއެވެ.
ބްރެޒިލްގައި ކުޅުނު މި މެޗުން ގަތަރުގެ މައްޗަށް ބްރެޒިލް ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ބްރެޒިލްއިންނެވެ. އެގޮތުން އެޓީމުން ވަނީ 16 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ އަލްވޭސްގެ އެހީތެރިކަމާ އެކު ރިޗާލިސަންއެވެ.
މި ލަނޑަށް ފަހު ވެސް ބްރެޒިލްގެ ފަރާތުން ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، 24 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ރިޗާލިސަންގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ގެބްރިއަލް ޖީސަސްއެވެ.
ދެވަނަ ހާފް ފެށިގެން ވެސް ބްރެޒިލްގެ ފަރާތުން ގިނަ ހަމަލާތައް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ވެސް އެ ޓީމަށް ވަނީ ފުލުފުލުގައި ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.
މި މެޗުގައި ގަތަރަށް ވެސް ވަނީ މަދުން ނަމަވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެޓީމަށް ލިބުނު އެންމެ ފުރުސަތެއްގެ ބޭނުން ވެސް އެދެވޭ ގޮތެއްގައި ބޭނުންކުރެވިފައެއް ނުވެއެވެ.
މެޗުގެ އިތުރު ވަގުތުގައި ގަތަރަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ބޯލެމް ފޮނުވާލި މި ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
މިއީ މި މަހު ފަށާ ކޮޕަ އެމެރިކާގެ ކުރިން ބްރެޒިލް އިން ކުޅުނު ރަހުމަތްތެރިކަމުގެ މެޗެކެވެ. މުބާރާތުގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި މި މަހު 16 ވަނަ ދުވަހު ނިކުންނާނީ ޕެރެގުއޭއާ ދެކޮޅަށެވެ.
ގަތަރަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމެވެ.