ކުރިޔަށް އޮތް ސީޒަނަށް ސައުދީ އަރަބިއްޔާގައި ތަމްރީން ހަދަމުން އަންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު ފުރަތަމަ ރަހުމަތްތެރިކަމުގެ މެޗުން މޮޅުވެއްޖެއެވެ.
ސައުދީގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ ޖިއްދާ ކްލަބާ ދެކޮޅަށް ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާޒިޔާގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްފައި ވަނީ އިބްރާހިމް ވަހީދު (އިއްބެ) އެވެ.
މާޒިޔާ އިން ޖިއްދާ ކްލަބާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗު ކުޅެފައިވާއިރު، އެ ޓީމު ރާއްޖެ އައުމުގެ ކުރިން އަދި ރަހުމަތްތެރިކަމުގެ އެއް މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާޒިޔާ އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު މާޒިޔާ ސައުދީ އަށް ފުރާފައިވާއިރު، މިއީ އެފްއޭއެމުން އެ ކްލަބަށް ހަމަޖައްސައިދިން ދަތުރެކެވެ. މި ދަތުރުގައި މާޒިޔާގެ 19 ކުޅުންތެރިންނާއި، 11 އޮފިޝަލުން ބައިވެރިވެއެވެ.
އެފްއޭއެމުން މާޒިޔާއަށް މި ތަމްރީން ދަތުރު ހަމަޖައްސަދިނީ، މި އަހަރުގެ އޭއެފްސީ ކަޕުން އެޓީމަށް ޖާގަ ގެއްލުމުންނެވެ. އެ ޓީމުގެ އިތުރުން މާޒިޔާގެ އިތުރުން އޭއެފްސީ ކަޕުން ޖާގަ ގެއްލުނު ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ބޭރު ގައުމެއްގައި ތަމްރީން ހެދުމުގެ ފުރުސަތު އެފްއޭއެމުން ވަނީ ހަމަޖައްސަދީފައެވެ. ނަމަވެސް ޓީސީ ފުރާނީ ޖުލައި މަހު ކަމަށް މައުލޫމާތު ލިބެއެވެ.
ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެންމެ ރަނގަޅަށް ދުރާލާ ތައްޔާރުވާން ފެށި ޓީމަކީ މާޒިޔާއެވެ. އެ ޓީމުން ވަނީ ދާދި ފަހުން އދ. މަހިބަދޫގައި ޕްރީ ސީޒަން ތަމްރީންތަކެއް ވެސް ފުރިހަމަކޮށްފައެވެ.
މާޒިޔާ އިން ވަނީ އެ ޓީމުގެ ކުރީގެ ކޯޗު މެސެޑޯނިއާގެ މަރްޔަން ސެކުލޮސްކީ ގެނައުމުގެ އިތުރުން ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވަރު ގަދަ ކުޅުންތެރިންތަކެއް އެ ކްލަބަށް ގެނެސްފައެވެ.
އެގޮތުން ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ވެސް އެ ކްލަބުން ވަނީ ގެނެސްފައެވެ. އަދި އެ ކްލަބަށް އަފްޣާނިސްތާނުގެ ގައުމީ ކީޕަރ އަޒީޒީ ވެސް ވަނީ ގެނެސްފައެވެ.