ޔުއެފާ ނޭޝަންސް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު ސްވިޒަލޭންޑް ބަލިކޮށް ޕޯޗުގަލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީފައިނަލް މެޗުގައި ސްވިޒަލޭންޑްގެ މައްޗަށް ޕޯޗުގަލް ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.
ޕޯޓޯގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ސްވިޒަލޭންޑުންނެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޕޯޗުގަލްއިންނެވެ. މި ލަނޑު 25 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ރޮނާލްޑޯއެވެ.
މި ލަނޑަށް ފަހު ވެސް ޕޯޗުގަލްއަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ. އަދި މި ހާފްގައި ސްވިޒަލޭންޑަށް ވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.
ދެވަނަ ހާފް ފެށިގެން ސްވިޒަލޭންޑުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު 57 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ރިކާޑޯ ރޮޑްރިގޭޒްއެވެ.
ނަމަވެސް މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޕޯޗުގަލް އިން ވަނީ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު ބެނާޑޯ ސިލްވާގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ރޮނާލްޑޯއެވެ.
ޕޯޗުގަލް އިން ތިންވަނަ ލަނޑު ކާމިޔާބުކުރީ 90 ވަނަ މިނެޓުގައެވެ. މި ލަނޑު ވެސް ކާމިޔާބުކުރީ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ ޕޯޗުގަލްއަށް ކާމިޔާބުކުރި ހަތްވަނަ ހެޓްރިކެވެ. އޭނާ ވަނީ ކްލަބް އަދި ގައުމަށް ޖުމްލަ 53 ހެޓްރިކް ކާމިޔާބުކޮށްދީފައެވެ.
މި ނަތީޖާއާ އެކު ފައިނަލުގައި ޕޯޗުގަލް ބައްދަލުކުރަން ޖެހޭނީ ބުރާސްފަތި ދުވަހުގެ ރޭ ނެދަލޭންޑްސް އަދި އިންގްލޭންޑް ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ.