Advertisement
ކ. މާލެ
|
1 މާރޗް 2017 | ބުދަ 05:53
ޢަބްދުﷲ ރިޔާޒް:ހެލްތާ ގުޅޭ މައްސަލައެއް ވަނީ ހުށަހަޅާފައި
ޢަބްދުﷲ ރިޔާޒް:ހެލްތާ ގުޅޭ މައްސަލައެއް ވަނީ ހުށަހަޅާފައި
މުހައްމަދު ފަޒީން
މައްސަލަ މަޖިލީހަށް
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
އިހުމާލް ވެފައިވާ މީހުންނަށް ފިޔަވަޅު އަޅާފައެއް ނުވޭ
ޤަވައިދާ ޚިލާފަށް ވަނީ ފައިސާ ބޭނުންކޮށްފައި
މުއްދަތުގައި ފީތައް ނުދެއްކުމުން ބޮޑެތި ޖޫރިމަނާތަކެއް އަރާފައިވޭ

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން  2014 ވަނަ އަހަރު 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާތީ އެކަން ހިނގާ ދިޔަ ގޮތް ބަލައިދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ހުށަހަޅުއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ ގޮތުގައި ހުންނެވި ޢަބްދުﷲ ރިޔާޒް ، މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އޮޑިޓާ ޖެނެރަލް އާންމުކޮށްފައިވާ 2014 ވަނަ އަހަރުގެ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓަށް ބަލާއިރު އެ މިނިސްޓްރީން ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ގިނަ ހަރަދުތަކެއް ކޮށްފައިކަން ހާމަވާ ކަމަށެވެ.އަދި ބޮޑެތި އިހުމާލްތަކެއް ވެފައިވާ ކަމަށެވެ.

ރިޔާޒްގެ ސިޓީގައި ވިދާޅުވެފައިވަނީ ފެންބިލް، ކަރަންޓްބިލް، އަދި ވޯކް ވިސާ ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 2014 ވަނަ އަހަރު 8,594,503 (އަށްމިލިއަން ފަސްސަތޭކަ ނުވަދިހަ ހަތަރުހާސް ފަސްސަތޭކަ ތިން ރުފިޔާ) ރުފިޔާ ދެއްކުމަށްފަހު އިހުމާލްވީ ކޮން ފަރާތްތަކަކުންކަން ބަލައި އެފަރާތްތަކުގެ އަތުން އެފައިސާ އަތުލާފައި ނުވާ ކަމަށެވެ. އަދި އެސިޓީގައި ވިދާޅުވެފައިވާ ގޮތުގައި  އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ބުނެފައިވަނީ ނެޝަނަލް ޑުރަގް އެޖެންސީން 2014 ވަނަ އަހަރު ބަންދު ކުރާ މީހުންނަށް ކާން ދިނުމަށް 6,252,044 (ހަމިލިއަން ދުއިސައްތަ ފަންސާސް ދެހާސް ސާޅީސް ހަތަރު ރުފިޔާ) ރުފިޔާއަށް ބަޔަކާ ހަވާލު ކުރީ ޓެންޑާ ބޯޑަށް ހުށަނާޅައި ކަމަށެވެ.

މީގެ އިތުރުން އައިޖީއެމްއެޗަށް އެކި ފަރާތްތަކުން، ޚާއްޞަކޮށް އާސަންދަ ކުންފުނިން ލިބެން ޖެހޭ ފައިސާގެ ޢަދަދު 360،924،215 (ތިންސަތޭކަ ފަސްދޮޅަސް މިލިއަން ނުވަސަތޭކަ ސައުވީސްހާސް ދުއިސައްތަ ފަނަރަ) އަށް އަރާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ .

ރިޔާޒް ވިދާޅުވީ ސިވިލް ސާވިސް ގަވައިދާ ހިލާފަށް އިތުރު ފައިސާގެ ގޮތުގައި ނޮޅިވަރަމް ސިއްހީ މަރުކަޒުން 55،2627 ރުފިޔާ ހަރަދުކޮށްފައިވާއިރު، އިތުރުގަޑީގެ ގޮތުގައި އައިޖީއެމްއެޗް މުވައްޒަފުންނަށް 198،345 ރުފިޔާ ހަރަދުކޮށްފައިވާއިރު އެ ފައިސާ ދީފައި ވަނީ އިތުރު ގަޑީގެ ގޮތުގައި ނުހިމެނޭ ގަޑިތައް ހިމަނާފައިގެން ކަމަށް އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އައިޖީއެމްއެޗް މުވައްޒަފުންނަށް އިތުރު ގަޑީގެ ގޮތުގައި 2014 ވަނަ އަހަރު 3.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އިތުރު ގަޑީގެ ފައިސާ ދީފައި ވަނީ ސައްހަ ލިޔުމަށް ބަލައިގެން ނޫން ކަމަށެވެ.

ރިޔާޒް ވިދާޅުވީ ސިވިލް ސަރވިސްގެ ޤަވާއިދާ ޚިލާފަށް އިތުރު ގަޑީގެ ފައިސާ ނެގުމާއި އެގްރީމެންޓް ނުކޮށް މަސައްކަތް ޙަވާލު ކުރުމާއި ބަޖެޓުން ބާކިވާ ފައިސާގެ ތަފްސީލް ފިނޭންސް މިނިސްޓްރީއަށް އެންގުމަކާ ޚަރަދުކޮށް ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން އެނގެން އެބައޮތް ކަމަށެވެ.

ވީމާ ހެލްތު މިނިސްޓްރީން ދައުލަތުގެ މުދަލަށާއި ފައިސާއަށް އިހުމާލް ވެފައިވާކަމަށް އޮޑިޓް ރިޕޯޓުން ފާހަގަ ކުރައްވާފައިވާތީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އެމައްސަލަ ބައްލަވައިދެއްވުމަށް އެދޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް