ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 11:51
މަރާލިކަމަށް ބުނި އުތުރު ކޮރެއާގެ އޮފިޝަލް ކިމް ޔޮކް ޗޯލް
މަރާލިކަމަށް ބުނި އުތުރު ކޮރެއާގެ އޮފިޝަލް ކިމް ޔޮކް ޗޯލް
ރޮއިޓަރސް
އުތުރު ކޮރެއާ
މަރާލިކަމަށް ބުނި އުތުރު ކޮރެއާގެ އޮފިޝަލް ދިރި އެބަހުރި: ރިޕޯޓް
ދެކުނު ކޮރެއާގެ ނޫހުން ރިޕޯޓްކުރީ އޭނާ މިދިޔަ ހަފުތާގެ ތެރޭގައި މަރާލިކަމަށް
އޭނާ ހުރީ ހައްޔަރުގައި، އަދި އަޅާނެ ވަކި ފިޔަވަޅެއް ނުނިންމާ
އެ ސަމިޓުގެ މަޝްވަރާތަކުގައި ބައިވެރިވި އެހެން އޮފިޝަލުން ވެސް ތިބީ ސަލާމަތުން

މިދިޔަ ހަފުތާގެ ތެރޭގައި މަރާލާފައިވާ ކަމަށް ދެކުނު ކޮރެއާގެ ނޫހަކުން ރިޕޯޓްކުރި އުތުރު ކޮރެއާގެ އޮފިޝަލް ދިރި އެބަހުރި ކަމަށް ސީއެންއެންއިން ރިޕޯޓްކޮށްފިއެވެ.

މި ފަހުން ވިއެޓްނާމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން ބޭއްވެވި ސަމިޓް އިންތިޒާމް ކުރެއްވި ކިމް ޔޮކް ޗޯލް މަރާލީ އެ ސަމިޓު ނާކާމިޔާބުވުމުން ކަމަށް ދެކުނު ކޮރެއާގެ ޗޯސަން އިލްބޯ ނޫހުން ރިޕޯޓްކޮށްފައި ވެއެވެ. ނަން ހާމާކުރަން ބޭނުންނުވާ އުތުރު ކޮރެއާގެ މަސްދަރުތަކަކާ ހަވާލާދީ ކަމަށް ބުނެ އެ ނޫހުން ރިޕޯޓްކޮށްފައި ވަނީ، މަޝްވަރާތަކުގެ އެންމެ އިސް މަންދޫބެއްގެ ހައިސިއްޔަތުން ސަމިޓުގެ ނާކާމިޔާބީގެ ޒިންމާ އުފުލަން ޖެހޭ ކަމަށް ނިންމާ ކިމް ޔޮކް ޗޯލް މަރާލީ ކަމަށެވެ.

ނަމަވެސް ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަމިޓަށް ފަހު އޭނާ ހުރީ ބަންދުގައި ކަމަށާއި، އަދި އޭނާއާ ދޭތެރޭ ވަކި ފިޔަވަޅެއް އަޅަން ނިންމާފައި ނުވާ ކަމަށެވެ. ސީއެންއެން އަށް މައުލޫމާތު ދިނީ އެ ކަމުގެ މައުލޫމާތު އެނގޭ އޮފިޝަލުން ތަކެކެވެ. ރޮއިޓާސް ނޫހުން ވެސް ވަނީ އޭނާ މަރާލާފައިވާ ކަމުގެ ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން ހައްޔަރުކޮށް ލޭބާރ ކޭމްޕަކަށް ފޮނުވާލާފައިވާ ކަމަށް ދެކުނު ކޮރެއާގެ ނޫހުން ބުނި ކިމް ޔޮންގ ޗޯލް ވެސް ވަނީ ލީޑަރު ކިމްއާ އެކީ ފެނިފައެވެ. އޭނާ ކިމް އަރިހުގައި ވަޑައިގެންނެވީ އާޓް ޕާފޯމަންސެއް ބަލާލުމަށެވެ. މީގެން ވެސް ދޭހަވަނީ ކުރިން ޖާސޫސް ކުރަން އުޅުނު ޗޯލްގެ ނުފޫޒު އަދިވެސް އޮތް މިންވަރު ކަމަށް ސީއެންއެން އިން ބުނެފައި ވެއެވެ. ނަމަވެސް އޭނާގެ ހުރިހާ ބާރުތަކެއް އަތުލާފައިވާ ކަމަށް ސީއެއެންއެން ރިޕޯޓްކޮށްފައި ވެއެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ވިއެޓްނާމްގެ ވެރިރަށް ހަނޯއީގައި އެމެރިކާ އާއި އުތުރު ކޮރެއާގެ ލީޑަރުން ބޭއްވި ބައްދަލުވުން ނާކާމިޔާބުވީ، އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުމެއްގައެވެ. އެގޮތުން އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ވަގުތުން ވަގުތަށް ހުއްޓާލަން ޝަރުތުކުރުމުން އުތުރު ކޮރެއާ އިން އެކަން އެގޮތަށް ބަލައިގަންނަން ދެކޮޅު ހެދިއެވެ. އެ ގައުމުން ބޭނުންވީ ހަތިޔާރު އުފެއްދުން ހުއްޓާލުމުގެ ކުރިން ހުރިހާ ދަތިކުރުމުގެ ފިޔަވަޅެއް އުވާލަންށެވެ.

- ކޮމެންޓް