ކ. މާލެ
|
3 ޖޫން 2019 | ހޯމަ 20:14
ސިޓީއަށް ކުޅެމުން އަންނަ ސާނޭ
ސިޓީއަށް ކުޅެމުން އަންނަ ސާނޭ
ގެޓީ އިމޭޖަސް
ލީރޯއި ސާނޭ
ބަޔާންއަށް ސާނޭ ބަދަލުވާނެކަމާމެދު ސުވާލު އުފެދިއްޖެ
ސިޓީއާއެކު ސާނޭ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ލީރޯއި ސާނޭ ބަޔާން މިއުނިކަށް ބަދަލުވާނެކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ކުރިޔަށް އޮތް ސީޒަނަށް ބަޔާންއިން ގެންނަން އެންމެ މަސައްކަތް ކުރާ ކުޅުންތެރިޔަކީ ސާނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ސިޓީން އޭނާ ވިއްކާލަން އެއްބަސްވާ އަގާ މެދު ބަޔާންއިން ހިތްހަމަނުޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން ރިޕޯޓްތައް ބުނާގޮތުން ސާނޭ ވިއްކާލާ އަގު ސިޓީން ކުޑަނުކޮށްފިނަމަ، އެ ކްލަބުން އޭނާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ.

ބަޔާނުން ވަނީ ދާދިފަހުން ސާނޭއަށް ޝައުގުވެރިވާކަން ކަށަވަރުވެސް ކޮށްދީފައެވެ. އަދި އޭނާ ހޯދުމަށް އެކްލަބުން ހުށަހަޅަން ތައްޔާރުވީ 80 މިލިއަން ޔޫރޯއަށްވުރެ މަދު އަދަދެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސިޓީއާއެކު ސާނޭ ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާއިރު، އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ދާދި ފަހުން ބުނީ، ކުރިޔަށް އޮތް ސީޒަނަށް ސާނޭގެ އެހީ ބޭނުންވާ ކަމަށެވެ.

ޝާލްކޭ އިން 2013 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ސާނޭ ވަނީ އެ ކްލަބަށް ކުޅުނު 57 މެޗުގައި 13 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ އެ ކްލަބް ދޫކޮށް ސިޓީއަށް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެގޮތުން ސާނޭ ވަނީ ސިޓީއަށް މިހާތަނަށް ކުޅުނު 133 މެޗުގައި 39 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ދެފަހަރު، ލީގު ކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން ސާނޭ ވަނީ 2017 ވަނަ އަހަރުގެ ސީޒަނުގައި ޕްރިމިއާ ލީގުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން ޖަރުމަން ގައުމީ ޓީމަށް މިހާތަނަށް 19 މެޗުގައި ތިން ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް