ކ. މާލެ
|
3 ޖޫން 2019 | ހޯމަ 15:22
މޯލްޑިއަން ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި
މޯލްޑިއަން ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި
ޓްވިޓަރ
އައިލެންޑް އޭވިއޭޝަން
މުސާރައިގެ އޮނިގަނޑާ ގުޅޭ ގޮތުން މީސްމީޑިޔާގައި ފަތުރަމުންދަނީ ޞައްޙަ މަޢުލޫމާތެއް ނޫން: އައިލެންޑް އޭވިއޭޝަން
ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތައް ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައި

އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަށް ބޮޑު މުސާރައެއް ލިބޭ ގޮތަށް މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފައިވާ ކަމަށް ބުނެ ކުންފުނީގެ އަގު ވެއްޓޭ ގޮތަށް މީސްމީޑިޔާގައި ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުންދަނީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތަކެއް ކަމަށް އެކުންފުނިން ބުނެފިއެވެ.

އައިލެންޑް އޭވިއޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަށް މުސާރައިގެ ގޮތުގައި ލިބޭ ކަމަށް އަންދާޒާކުރާ އަދަދުތަކެއް ޖެހުމަށް ފަހު ބައެއް ފަރާތްތަކުން ދަނީ މީސްމީޑިޔާގައި ޞައްޙަ ނޫން މަޢުލޫމާތު ފަތުރަމުން ކަމަށެވެ.

ސަރުކާރާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ޗެއަރމަން، މެނޭޖިންގ ޑިރެކްޓަރު އަދި ބޯޑު ޑިރެކްޓަރުންގެ މުސާރަ އާއި ޢިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމުގެ ގޮތުން އެ މަޤާމުތަކަށް މުސާރަ އާއި ޢިނާޔަތްތައް ކަނޑައަޅަނީ ދިވެހި ސަރުކާރުންނެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ސަރުކާރުގެ ހުއްދަނެތި ކުންފުނިތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.

ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަކީ ޑިރެކްޓަރުންގެ ބޯޑުން ޢައްޔަނުކުރާ މަޤާމަކަށްވެފައި އެ މަޤާމަށް އަދި ކުންފުނީގެ އެހެން މަޤާމުތަކަށް މުސާރަ އާއި ޢިނާޔަތްތައް ކަނޑައަޅަނީ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރާ އޮނިގަނޑުގެ ތެރެއިން ކަމަށާއި އަދި މުސާރައިގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ލިބިގެން ނޫނީ ނުގެނެވޭނެ ބަދަލުތަކެއް ކަމަށް ވެސް އެކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން ވަކި ބައެއްގެ މަސްލަހަތު ކުރިއަށްނެރެ ވަކި ބައެއްގެ ލާބަޔާ މަންފާއަށްޓަކައި މީސްމީޑިޔާގައި މިދުވަސްވަރު ބައެއް ފަރާތްތަކުން ފަތުރަމުންގެންދަނީ ޙަޤީޤަތާ ޚިލާފު ޞައްޙަ ނޫން މަޢުލޫމާތުތަކެއްކަމުގައި އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. އަދި މުސާރަ އާއި ޢިނާޔަތްތަކުގެ ގޮތުގައި ލިބޭ ކަމަށް އަންދާޒާކޮށް ޖަހާފައިވާ ޢަދަދުތަކަކީ އެ މަޤާމުތަކަށް ކަނޑައެޅިފައިވާ މުސާރަ ނޫން ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އަދި މިފަދަ ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތައް ނުފެތުރުމަށް އައިލެންޑް އެވިއޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިފަދަ ޞައްޙަ ނޫން މަޢުލޫމާތު ފަތުރަމުން ދިޔުމަކީ މި ކުންފުނިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި މިފަދަ ކަންކަމަކީ ދިވެހިންގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ މި ކުންފުންޏާއި ދިވެހިރައްޔިތުންނަށް ނުހަނު ބޮޑު ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ ކަމެއްކަމުގައި އެކުންފުނިން ދެކޭ ކަމަށް ވަނީ ބަޔާން ކޮށްފައެވެ.

- ކޮމެންޓް