ލިކަމެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމް ކޮށްގެން "ލިކަމެކް ނައިޓް މާކެޓް" ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
ލިކަމެކުން ބުނީ މި ނައިޓް މާކެޓް ބޭއްވުމަށް ތައްޔާރުވަމުންދަނީ އޮގަސްޓް މަހުގެ 29 އިން 7 ސެޕްޓެމްބަރުގެ ނިޔަލަށެވެ.
ހުޅުމާލެ ސެންޓަރަލް ޕާރކް ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާ މިނައިޓް މާކެޓްގެ އެންމެ ހާއްސަ އެއްކަމަކީ މިއީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ މީހުންނަށް މުދާ ގަތުމަށް ހުޅުމާލެއަށް އާދެވޭނެ މަގު ފަހިވެގެންދާނެ އިވެންޓަކަށް ވާތީ ކަމަށް ލިކަމެކުން ބުންޏެވެ.
އަދި އެއާއިއެކު، ރަށުން ސީދާ ލޯންޗުގައި ހުޅުމާލެއަށް އައިސް މުދާ ގަނެގެން އެނބުރި ރަށަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާނެ ކަމަށް ވެސް ލިކަމެކުން ބުންޏެވެ.
ލިކަމެކް ނައިޓް މާކެޓްއިން ސްޓޯލް ބައްލަވައިގަންނަ ފަރާތްތަކަށް ވެސް ވަރަށް ހާއްސަ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށާއި އޭގެ ތެރޭގައި މާލޭގެ ވިޔަފާރިވެރިންނަށް ހުޅުމާލެއަށް ހިލޭ މުދާ ގެންދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކޮންމެ ދުވަހަކު 80 ފޫޓުގެ މުދާ އުފުލާ ދޯންޏެއް މާލެއިން ހުޅުމާލެއަށް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އަދި މުދާ ގަންނަންދާ ފަރާތްތަކަށް ވެސް ލިކަމެކް އިން ދަނީ ހާއްސަ ހިދުމަތްތަކެއް ފޯރުކޮށްދޭން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސެންޓަރަލް ޕާރކް ސަރަހައްދުގައި މުދާ ގަންނަންދާ ފަރާތްތަކަށް ހާއްސަ ހެލްމެޓް ސްޓޭންޑް ތަކެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މުދާ ގަންނަންދާ ފަރާތްތަކަށް މުދާތައް ހުޅުމާލެއިން މާލެއަށް ލިކަމެކްއިން ބަހައްޓާފައިވާ ހާއްސަ ކައުންޓަރުތަކުން ޗެކިން ކުރުމުން ޖެހިގެން އަންނަ ދުވަހު މާލެއިން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައެވެ.
ލިކަމެކް ނައިޓް މާކެޓްގެ ސްޓޯލް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު މާލެއިން ނަމަ އަސަރީ މާލަމް (ޝީ ބިލްޑިންގ 3 ވަނަ ފަންގިފިލާ) އަދި ހުޅުމާލެއިން ނަމަ ކޮމިއުނިޓީ ސެންޓަރ އިން ހެނދުނު 9 އިން ފެށިގެންނެވެ.
މިނައިޓް މާކެޓްގައި 6 މީޓަރުގެ ޖުމްލަ 450 ސްޓޯލް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ސްޓޯލް އެއްގެ އަގަކީ 6000 ރުފިޔާ އެވެ.
ލިކަމެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމް ކޮށްގެން "ލިކަމެކް ނައިޓް މާކެޓް"ގެ ނަމުގައި ނިމިދިޔަ އެޕްރީލް މަސްތެރޭގައި ދަރުބާރުގޭގައި މިވަނީ ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އިންޑޯ ނައިޓް މާކެޓް ވަރަށް ކާމިޔާބު ކަމާއިއެކު ނިންމާލާފައެވެ.