ރޯމާގެ ކުރީގެ ޑިފެންސިވް މިޑްފިލްޑަރ ޑި ރޮސީއާ އެކު ލިވަޕޫލްގައި ކުޅެން ބޭނުންވާ ކަމަށް ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް ބުނެފިއެވެ.
ސްކައި ސްޕޯޓް އިޓަލިއާއަށް ދިން އިންޓަވިއުއެއްގައި ސަލާހް ބުނީ، އެކުގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ޑިރޮސީ ހިމެނޭ ކަމަށާއި، އޭނާއާ އެކު ލިވަޕޫލްއަށް ކުޅެން ބޭނުންވާ ކަމަށެވެ.
ޑިރޮސީއާ އެކު ރޯމާއަށް ކުޅުނު ސަލާހް ބުނީ، ޑި ރޮސީއަކީ އޭނާގެ ކުރީގެ ކްލަބް ރޯމާގެ ލެޖެންޑެއް ކަމަށާއި، އޭނާއަކީ އިޓަލީގެ ވެސް ލެޖެންޑެއް ކަމަށެވެ. އަދި އެއީ ވަރަށް ގާތް ރަހުމަތްތެރިޔެއް ކަމަށް ވެސް ސަލާހް ވަނީ ބުނެފައެވެ.
ސަލާހް ބުނީ، ލިވަޕޫލްއަށް ޑި ރޮސީ ބަދަލުވެދާނެ ކަމެއް އޭނާއަށް ނޭނގޭ ކަމަށާއި، ނަމަވެސް އެކުގައި އަނެއްކާ ވެސް ކުޅެން ފުރުސަތު ލިބިއްޖެ ނަމަ އެކަމާ އުފާވާނެ ކަމަށެވެ.
މި ސީޒަނަށް ފަހު ރޯމާ ދޫކޮށްލާނެކަން ޑި ރޮސީ އިއުލާންކޮށްފައި ވާއިރު، އޭނާ ދެން ބަދަލުވާނެ ކްލަބެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރޯމާއާ 2001 ވަނަ އަހަރުގެ ސީޒަނުގައި ގުޅުނު ޑިރޮސީ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 616 މެޗުގައި 63 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ރޯމާއާ އެކު ކޮޕަ އިޓަލިއާ ދެފަހަރު ކާމިޔާބު ކޮށްފައިވާ ޑިރޮސީ ވަނީ އެ ކްލަބާ އެކު އިޓާލިއަން ސުޕަކަޕް ވެސް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން އޭނާ ވަނީ އިޓާލިއަން ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު 2006 ވަނަ އަހަރު އަދި އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2009 ވަނަ އަހަރު ހޯދާފައެވެ.
އިޓަލީ ގައުމީ ޓީމާއެކު 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބު ކޮށްފައިވާ ޑިރޮސީ ވަނީ 2006 ވަނަ އަހަރު ވޯލްޑްކަޕް ވެސް އިޓަލީއާއެކު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް ކުޅުނު 117 މެޗުގައި 21 ލަނޑު ކާމިޔާބު ކޮށްފައެވެ.