ކ. މާލެ
|
1 ޖޫން 2019 | ހޮނިހިރު 19:53
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ގެޓީ އިމޭޖަސް
ލިއޮނެލް މެސީ
ކެރިޔަރު ނިންމާލަން ބޭނުމީ އާޖެންޓީނާ އަށް ކާމިޔާބެއް ހޯދައިދީފައި: މެސީ
މެސީއަށް އާޖެންޓީނާ ސީނިއާ ޓީމާއެކު ބޮޑު ކާމިޔާބެއް ނުހޯދޭ

ފުޓުބޯޅަ ކެރިޔަރު ނިންމާލަން ބޭނުމީ އާޖެންޓީނާ އަށް ކާމިޔާބެއް ހޯދައިދީފައި ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

ފޮކްސް ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ، އާޖެންޓީނާ އެކު ކާމިޔާބެއް ހޯދަން ބޭނުންވާ ކަމަށާއި، އެއީ ކެރިޔަރު ނިންމާލުމުގެ ކުރިން ހާސިލުކުރަން ބޭނުންވާ ކަމެއް ކަމަށެވެ.

ފުރުސަތަކީ އަބަދު ލިބޭނެ އެއްޗެއް ނޫންކަން ފާހަގަކުރަމުން މެސީ ބުނީ، ކަންކަން ހާސިލުކުރަން ބޭނުންވާ ކަމަށާއި، ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

މެސީ ބުނީ، 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑްކަޕްގައި އޭނާއަށް ކުޅެވޭނެކަން ނޭނގޭ ކަމަށާއި، މުބާރާތުގައި ކުޅުމުގެ ފުރުސަތު ދެއްވާނީ ހަމައެކަނި ހެއްދެވި ފަރާތް ކަމަށެވެ.

މި ސީޒަނުގައި ބާސާއާ އެކު ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައިވާ މެސީ ވަނީ މި ސީޒަނުގައި މިހާތަނަށް އެ ކްލަބަށް ކުޅުނު 50 މެޗުގައި 51 ލަނޑު ކާމިޔާބުކޮށްފައެވެ.

އާޖެންޓިނާ ގައުމީ ޓީމަށް 129 މެޗުގައި 65 ލަނޑު ކާމިޔާބުކޮށްފައިވާ މެސީއަށް އެ ޓީމާ އެކު ހޯދިފައިވާ ހަމައެކަނި ކާމިޔާބަކީ 2008 ވަނަ އަހަރުގެ އޮލިމްޕިކް ރަން މެޑަލް ހޯދުމެވެ. އަދި އޭނާ ވަނީ 2005 ވަނަ އަހަރު އާޖެންޓިނާގެ 20 އަހަރުން ދަށުގެ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ނަމަވެސް ސީނިއާ ޓީމާއެކު މެސީއަށް ތައްޓެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް އޭނާ ވަނީ ހަތަރު ފައިނަލެއް ކުޅެފައެވެ. އެއީ ކޮޕަ އެމެރިކާގެ ތިން ފައިނަލެއްގެ އިތުރުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް