އާސެނަލްގެ ކުރީގެ ވިންގާ ހޯޒޭ އެންޓޯނިއޯ ރެޔެސް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.
އުމުރުން 35 އަހަރުގެ ރެޔެސް މަރުވީ ސްޕެއިންގައި ހިނގި ކާރު އެކްސިޑެންޓެއްގައި ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. މި އެކްސިޑެންޓްގައި އޭނާގެ ދެބެއިންގެ ދެދަރި ޖޮނަތަން ރެޔެސް ވެސް ވަނީ މަރުވެފައެވެ.
ރެޔެސް މަރުވެފައިވާކަން އޭނާގެ ކުރީގެ ކްލަބް ސެވިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ކްލަބުން ކުރި ޓްވީޓެއްގައި ބުނީ، ޓްރެފިކް އެކްސިޑެންޓެއްގައި ރެޔެސް މަރުވެފައިވާ ކަމަށާއި، މިއީ ކްލަބަށް ވެސް ވަރަށް ހިތާމަވެރި ވަގުތެއް ކަމަށެވެ.
ރެޔެސްގެ ކުރީގެ ކްލަބް އާސެނަލްއިން ކުރި ޓްވީޓެއްގައި ބުނީ، ރެޔެސްގެ ކުއްލި މަރާއެކު މުޅި ކްލަބަށް ސިހުން ލިބިފައިވާ ކަމަށެވެ.
ސެވިއްޔާ އިން 1999 ވަނަ އަހަރު ކެރިޔަރު ފެށި ރެޔެސް ވަނީ އެ ކްލަބާއެކު ފަސް ސީޒަން ކުޅެފައެވެ. އެއަށްފަހު އޭނާ ބަދަލުވީ 2003 ވަނަ އަހަރު އާސެނަލްއަށެވެ. އަދި އޭނާ ވަނީ 2006 ވަނަ އަހަރުގެ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑަށް ވެސް ކުޅެފައެވެ.
އާސެނަލް ދޫކޮށްލުމަށް ފަހު 2007 ވަނަ އަހަރުގެ ސީޒަނުގައި އެޓްލެޓިކޯ މެޑްރިޑަށް ރެޔެސް ބަދަލުވެފައިވާއިރު، އޭނާ ވަނީ އެ ކްލަބުގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. އަދި އޭނާ ވަނީ 2008 ވަނަ އަހަރުގެ ސީޒަނުގައި ބެންފީކާއަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައެވެ.
އެޓްލެޓިކޯ ދޫކޮށްލުމަށް ފަހު، ރެޔެސް ބަދަލުވީ އަނެއްކާ ވެސް އޭނާ ކުރިން ކުޅުނު ސެވިއްޔާއަށެވެ. އޭނާ އެ ކްލަބުގައި އިތުރު ފަސް ސީޒަން ހޭދަކޮށްފައިވާއިރު، 2016 ވަނަ އަހަރުގެ ސީޒަނުގައި ކުޅުނީ އެސްޕަނިއޯލްއަށެވެ. އޭނާ ވަނީ ޖުމްލަ 10 ސީޒަން ސެވިއްޔާގައި ހޭދަކޮށްފައެވެ.
ސެވިއްޔާ އެކު ތިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ރެޔެސް ވަނީ އާސެނަލްއާއެކު ޕްރިމިއާ ލީގުވެސް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ރެއާލްއާއެކު ލަލީގާ ހޯދުމުގެ އިތުރުން އެޓްލެޓިކޯއާއެކު ދެ ޔޫރޮޕާ ލިގު ހޯދާފައެވެ.
ސްޕެއިން ގައުމީ ޓީމަށް 21 މެޗު ކުޅެފައިވާ ރެޔެސް ވަނީ ސްޕެއިންގެ 19 އަހަރުން ދަށުގެ ޓީމާއެކު 2002 ވަނަ އަހަރު ޔޫރޯ ހޯދާފައެވެ.