އުމްރާ ދަތުރަކާ އެކު ޓްރެއިނިން ކޭމްޕަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ސައުދީ އަރަބިއްޔާ އަށް ފުރައިފިއެވެ.
މި އަހަރުގެ އޭއެފްސީ ކަޕުން މާޒިޔާއަށް ޖާގަ ގެއްލުމުން، އެފްއޭއެމުން ހަމަޖެއްސި މި ދަތުރުގައި ބުރާސްފަތި ދުވަހު މާޒިޔާ ސައުދީއަށް ފުރާފައިވާއިރު، އެ ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.
ސައުދީގައި މާޒިޔާ ހޭދަކުރާ ދުވަސްތަކުގައި ރަހުމަތްތެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ޓީމަށް މި ދަތުރުގައި އުމްރާގެ މަތިވެރި އަޅުކަން ކުރުމުގެ ފުރުސަތު ވެސް އެފްއޭއެމުން ވަނީ ހަމަޖައްސައިދީފައެވެ.
މާޒިޔާގެ އިތުރުން އޭއެފްސީ ކަޕުން ޖާގަ ގެއްލުނު ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ބޭރު ގައުމެއްގައި ތަމްރީން ހެދުމުގެ ފުރުސަތު އެފްއޭއެމުން ވަނީ ހަމަޖައްސަދީފައެވެ. ނަމަވެސް ޓީސީ ފުރާނީ ޖުލައި މަހު ކަމަށް މައުލޫމާތު ލިބެއެވެ.
ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެންމެ ރަނގަޅަށް ދުރާލާ ތައްޔާރުވާން ފެށި ޓީމަކީ މާޒިޔާއެވެ. އެ ޓީމުން ވަނީ ދާދި ފަހުން އދ. މަހިބަދޫގައި ޕްރީ ސީޒަން ތަމްރީންތަކެއް ވެސް ފުރިހަމަކޮށްފައެވެ.
މާޒިޔާ އިން ވަނީ އެ ޓީމުގެ ކުރީގެ ކޯޗު މެސެޑޯނިއާގެ މަރްޔަން ސެކުލޮސްކީ ގެނައުމުގެ އިތުރުން ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ކުޅުންތެރިންތަކެއް އެ ކްލަބަށް ގެނެސްފައެވެ.
އެގޮތުން ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ވެސް އެ ކްލަބުން ވަނީ ގެނެސްފައެވެ. އަދި އެ ކްލަބަށް އަފްޣާނިސްތާނުގެ ގައުމީ ކީޕަރ އަޒީޒީ ވެސް ވަނީ ގެނެސްފައެވެ.