އިނިގިރޭސި ފުޓުބޯޅައިގެ ދެބާރު ކަމުގައިބާ އާސެނަލް އާއި ޗެލްސީއިން އަޒަރްބައިޖާންގެ ވެރިރަށް ބަކޫގައި އޮތް ޔޫރޮޕާ ލީގުގެ ފައިނަލަށް ނިކުންނަން ތައްޔާރުވެއްޖެއެވެ.
ބުދަ ދުވަހުގެރޭ އޮންނަ މެޗުގައި ދެ ޓީމުން ވާދަކުރާ އިރު، މިއީ ޔޫރަޕުގެ މުބާރާތެއްގެ ފައިނަލުގައި މި ދެ ޓީމު އެއް ޓީމު އަނެއް ޓީމާ ކުޅޭ ފުރަތަމަ ފަހަރެވެ. މި މެޗު ވެގެން ދާނީ އަންނަ ސީޒަނަށް ދެ ޓީމު ކުރިޔަށް ދާނެ މިސްރާބު ކަނޑައަޅަން މުހިންމު މެޗަކަށް ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ.
މިރޭގެ މެޗު އަޒަރްބައިޖާންގައި ކުޅެން ޖެހުމުގެ ސަބަބުން އާސެނަލްގެ އަރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަންއަކަށް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މިކިތަރްޔާން ނުދިޔައީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ކޯޅުންގަނޑުގެ ސަބަބުންނެވެ. ޔޫއެފްއާއިން އޭނާގެ ރައްކާތެރިކަން ކަށަވަރުކޮށް ދޭނެ ކަމަށް ބުނި ނަމަވެސް، އާސެނަލްއިން ނިންމީ މިކިތަރްޔާން ނުގެންދާށެވެ. އޭނާ ނެތުމުގެ ސަބަބުން އާސެނަލްއަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ. މި ސީޒަނުގައި އޭނާ ވަނީ ޔޫރޮޕާ ލީގުގައި އާސެނަލްއަށް މޮޅު ކުޅުމެއް ކުޅެދީފައެވެ.
އާސެނަލްއަށް މާ ބޮޑެތި އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފައި ނުވާއިރު، އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނީ އެންމެ ބޮޑު އަމާޒަކީ ތަށި ހޯދުން ކަމަށެވެ. އެގޮތުން އެ ތަށްޓާ އެކު އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅެން ފުރުސަތު ލިބުމަކީ އިތުރު ހިތްހަމަޖެހުމެއް ކަމަށް އެމެރީ ބުނެފައިވެއެވެ.
ޗެލްސީން ވެސް މެޗަށް ރަނގަޅަށް ތައްޔާރުވެފައި އޮތް ކަމަށް ބުނަމުންދާ އިރު، އެ ޓީމަށް ވެސް މި މެޗު އެތައް ގޮތަކުން މުހިންމު ވާނެއެވެ. އެ ޓީމުގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ އިރު، ބެލެވޭ ގޮތުގައި މިއީ އެ ޓީމުގެ ކޯޗް މައުރީޒިއޯ ސާރީއާ އެޑެން ހަޒާޑްގެ ފަހު މެޗެވެ.
ސަރީ ޗެލްސީ ދޫކޮށް, ހުސްވެފައިވާ ޔުވެންޓަސްގެ ކޯޗު ކަމުގެ މަގާމަށް ދާން އުޅޭ ކަމުގެ އަޑު ފެތުރިފައިވެއެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ސަރީ ބުނީ އެކަމާ ދޭތެރޭ ވަކި އެއްޗެކޭ ބުނާނީ ޗެލްސީގެ ބޯޑާ ވާހަކަދެއްކުމަށް ފަހުގައި ކަމަށެވެ. އޭނާ ބުނީ ޗެލްސީއާ އެކު ކޮންޓްރެކްޓުގައި ބާކީ ދެ އަހަރު އެބައޮތް ކަމަށެވެ.
ހަޒާޑް ހޯދަން ރިއާލް މެޑްރިޑުން މަސައްކަތް ކުރަމުން އަންނަ އިރު، އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނީ އަންނަ ސީޒަނުގައި ހަޒާޑް އެ ޓީމުން ފެނުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ދެ ފަރާތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. ބާކީ ދެން އޮތީ ހަމައެކަނި ޗެލްސީއާ އެކު ޓްރާންސްފަރ ފީއާ މެދު އެއްބަސްވުމަކަށް އައުމެވެ.
ޗެލްސީއާ އާސެނަލްގެ ވަރުގަދަ ކުރިމަތިލުމެއް ފެނިގެން ދާނެ ކަމަށް ބެލެވޭ ޔޫރޯޕާ ލީގުގެ ފައިނަލު ކުޅޭނީ ރާއްޖެ ގަޑިން ބުރާސްފަތި ދުވަހުގެ 00:00 ގައެވެ.