ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 10:36
ނުސްރަތުގެ ގަޔަށް ކަރާސީނު އަޅާ ރޯކޮށްލާފައިވަނީ އޭޕްރީލް މަހުގެ 6ވަނަ ދުވަހު
ނުސްރަތުގެ ގަޔަށް ކަރާސީނު އަޅާ ރޯކޮށްލާފައިވަނީ އޭޕްރީލް މަހުގެ 6ވަނަ ދުވަހު
ބީބީސީ
ނުސްރަތު ޖަހާން ރަފީ
ނުސްރަތު ޖަހާން ރަފީ: ދިރިހުއްޓާ އަންދާލި މައްސަލައިގައި 16 މީހަކަށް ދައުވާކޮށްފި
ނުސްރަތުވަނީ އޭނާއަށް އަނިޔާކުރި މީހުން ބުނެދީފައި
އޭނާ މަރުވީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު
ދައުވާ ލިބޭ 12 މީހަކުވަނީ ކުށަށް އިއުތިރާފްވެފައި

ޕްރިންސިޕަލްގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވިކަމަށް ބުނެ މައްސަލަ ފައިލް ކުރުމުން މަރާލި ބަންގްލަދޭޝްގެ ދަރިވަރުގެ މަރުގެ މައްސަަލައިގައި އެ ގައުމުން 16 މީހެެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

އުމުރުން 19 އަހަރުގެ ނުސްރަތު ޖަހާން ރަފީ މަރާލާފައިވަނީ ޖިންސީ ގޯނާގެ ޝަކުވާ ހުށަހެޅިތާ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ކިޔަވަމުން ދިޔަ އިސްލާމިކް ސްކޫލްގެ ޓެރަހުގައި ގަޔަށް ކަރާސީނު އަޅާ ރޯކޮށްލައިގެން އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.

ދައުވާ ކުރެވުނު މީހުންގެ ތެރޭގައި ހެޑްމާސްޓަރ ސިރާޖް ޔޫޑީ ޑޫލާ ވެސް ހިމެނެއެވެ.

ފުލުހުން ބުނީ އޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލަ އަބުރާ ނަގަން ނުސްރަތު އެއްބަސްނުވުމުން ޖަލުގައި ހުރެ އޭނާ މަރާލަން އެންގީ ހެޑްމާސްޓަރ ކަމަށެވެ.

ފުލުހުން ސިފަ ކުރިގޮތުގައި ނުސްރަތު މަރާލުމުގެ ޕްލޭނަކީ އަސްކަރީ ޕްލޭނެއް ފަދަ ޕްލޭނެކެވެ.

ނުސްރަތުގެ މަރާ ގުޅިގެން ބަންގްލަދޭޝްގައި މުޒާހަރާތައް ކޮށްފައިވާއިރު ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ހާލަތުގެ ނާޒުކުކަން ހުރި މިންވަރުވަނީ ހާމަވެގެން ގޮސްފައެވެ.

މާރިޗު މަހުގެ 26 ވަނަ ދުވަހު ހެޑްމާސްޓަރ ސިރާޖް ޔޫޑީ ޑޫލާ ގެ ފަރާތުން ކުރިމަތިވި ޖިންސީ ގޯނާގެ މައްސަލަ ނުސްރަތުވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

މައްސަލަ ގޯސްވީ ބަޔާން ދިން ވަގުތު ފުލުހުންގެ އޮފިސަރަކު ނެގި ވީޑިއޯ ލީކުވުމާއި ގުޅިގެންނެވެ.

އެ ހިސާބުން މަދަރުސާގައި އުޅުނު ދެ ދަރިވަރަކު އިސްވެ ހެޑްމާސްޓަރު ދޫކޮށްލުމަށް މަގުތަކުގައި މުޒާހަރާ ކުރިއިރު މި މުޒާހަރާތަކުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސިޔާސީ ބައެއް ފަރާތްތަކުން ވެސް ބައިވެރިވިއެވެ. އެ ފަރާތްތަކުން ކުށްވެރިކޮށް ތުހުމަތުގެ އިނގިލި ދިއްކުރީ ނުސްރަތު އަށެވެ.

ނުސްރަތުއަށް މަރާ ކުރިމަތިލާން ޖެހުނީ އެޕްރީލް ހަވަނަ ދުވަހު އޭނާގެ ފަހު އިމްތިހާނުތަކުގައި ބައިވެރިވުމަށް މަދަރުސާއަށް ދިއުމުންނެވެ.

އެ ދުވަހު ނުސްރަތު ގޮވައިގެން ސްކޫލް ދޮށަށް ދިޔަ ނުސްރަތުގެ ބޭބެ އޭނާ ގޮވައިގެން މަދަރުސާ ތެރެއަށް ވަންނަން އުޅުމުން، އޭނާއަށް ބަޔަކު ހުރަސްއެޅިއެވެ.

ރޭވުމެއްގެ ދަށުން ނުސްރަތު ޓެރަސްއަށް ގެންގޮސް ބުރުގާ އަޅައިގެންތިބި ދަރިވަރުންތަކެއްވަނީ އޭނާއާ ދިމާކޮށް ހެޑްމާސްޓަރާ ދެކޮޅަށް ހުށަހެޅި މައްސަލަ ނެގުމަށް މަޖުބޫރުކުރުވުމަށް އުޅެފައެވެ. ނަމަވެސް ނުސްރަތު އެއްބަސްނުވުމުން އޭނާގެ ގަޔަށް ކަރާސީނު އަޅާ ރޯކޮށްލުމަށް ފަހު އޭނާ މަރުވެފައިވަނީ އަމިއްލައަކަމަށް ދެއްކުމަށް ސީން ރޭވުމަށް ފަހު އެމީހުންވަނީ ގޮސްފައެވެ

ނުސްރަތުގެ ގައިގެ 80 އިންސައްތަ ފިހިފައި ވަނިކޮށް އޭނާ ހޮސްޕިޓަލަށް ގެންދެވި އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އޭނާ މަރުވުމުގެ ކުރިންވަނީ ބަޔާނެއް ނެގިފައެވެ.

ވެރިރަށް ޑާކާގެ ބޭރުން 160 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑައަވަށެއްކަމަށްވާ ފެނި ގައި ހިނގި މިހާދިސާއާ ގުޅިގެން ދައުވާ އުފުލުނު 16 މީހުންގެ މައްޗަށްވެސް ބުދަދުވަހު އުފުލާފައިވަނީ މީހަކު މެރުމުގެ ދައުވާއެވެ.

ދައުވާ އުފުލުނު މީހުންގެ ތެރޭގައި އެ މަދަރުސާގެ ދަރިވަރުންނާއި އެ އަވަށުގައި އުޅެމުންދާ ވެރިކަންކުރާ އަވާމީ ލީގް ޕާޓީއަށް ނިސްބަތްވާ، އަދި އެ ސްކޫލްގެ އިސްމަގާމްތަކެެއްވެސް ފުރަމުންދާ ސިޔާސީ ދެ މީހަކުވެސް ހިމެނެއެވެ.

ތަހުގީގު ހިންގިި ފަރާތްތަކުންވަނީ ތުހުމަތުކުރެވޭ މީހުންނަށް މަރުގެ އަދަބުދިނުމަށް ގޮވާލާފައެވެ. ފުލުހުން ބުނީ ނުސްރަތު މަރާލަން އަމުރުކުރި ކަމަށް ޕްރިންސިޕަލް ކޯޓުގައި އެެއްބަސްވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން 12 މީހަކު ކުށަށް އިއުތިރާފުވެ ބަޔާން ދީފައިވާ ކަމަށެވެ.

ނުސްރަތުގެ މަރާ ގުޅިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާވަނީ އޭނާ މަރާލުމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންދާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.

- ކޮމެންޓް