ކ. މާލެ
|
28 މެއި 2019 | އަންގާރަ 21:05
ސްޕޯޓްސް އިލަސްޓްރޭޓަޑް މަޖައްލާތަކެއް
ސްޕޯޓްސް އިލަސްޓްރޭޓަޑް މަޖައްލާތަކެއް
ސްޕޯޓްސް އިލަސްޓްރޭޓަޑް
ސްޕޯޓްސް އިލަސްޓްރޭޓަޑް މަޖައްލާ
ސްޕޯޓްސް އިލަސްޓްރޭޓަޑް މަޖައްލާ 110 މިލިއަން ޑޮލަރަށް ވިއްކާލައިފި
ވިއްކާލިޔަސް މަަޖައްލާ ޗާޕުކޮށް ވެބްސައިޓް ހިންގާނީ މެރެޑިތް ކުންފުނިން

މަޝްހޫރު ސްޕޯޓްސް އިލަސްޓްރޭޓަޑް މަޖައްލާގެ ހުރިހާ ރައިޓްސްއެއް، މާކެޓިން ކުންފުންޏެއް ކަމުގައިވާ އޮތެންޓިކް ބްރޭންޑްސް ގްރޫޕަށް 110 މިލިއަން ޑޮލަރު ( 1.7 ބިލިއަން ރުފިޔާ) އަށް ވިއްކާލައިފިއެވެ.

އަންގާރަ ދުވަހު ކުރި އިއުލާނެއްގައި، މިހާރު އެ މަޖައްލާ ހިންގާ މެރެޑިތް ކޯޕަރޭޝަނުން ބުނީ މަޖައްލާގެ ރައިޓްސް ވިއްކާލި ކަމުގައިވީ ނަމަވެސް، ސްޕޯޓްސް އިލަސްޓްރޭޓަޑް މަޖައްލާ ޗާޕުކޮށް ވެބްސައިޓް ހިންގާނީ އަދިވެސް އެ ކުންފުނިން ކަމުގައެވެ.

ދެ ފަރާތުން ވެވުނު އެއްބަސްވުމުން ހާމަވެގެން ދަނީ، ސްޕޯޓްސް އިލަސްޓްރޭޓަޑް މަރުކާ އެ މަޖައްލާއަށް ވުރެ ވެސް އަގު ބޮޑުކަމެވެ. މަޖައްލާ ގަނެފައިވާ އޮތެންޓިކް ބްރޭންޑްސް ގްރޫޕުން ކުރިޔަށް ގެންދަނީ އެ މަރުކާގެ މާކެޓިންއާއި ބިޒްނަސް ޑިވެލޮޕްމަންޓް އަދި ސްޕޯޓްސް އިލަސްޓްރޭޓަޑްގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ (ފިކުރީ މުދާ) ގެ ލައިސެންސިންއާ ގުޅުން ހުރި ކަންކަމެވެ.

މި މުއާމަލާތާ ގުޅިގެން ނެރުނު ބަޔާނެއްގައި އޮތެންޓިކް ބްރޭންޑްސްގެ ސީއީއޯ ޖެމީ ސޯލްޓަރ ބުނީ، ސްޕޯޓްސް އިލަސްޓްރޭޓަޑް މަރުކާ އެހާ ކުރިއަރައިގެން ގޮސް ލައިފްސްޓައިލް އަދި މުނިފޫހިފިލުވުމުގެ އެންމެ އުހަށް ދިޔައީ އެ މަޖައްލާގެ ކިޔުންތެރިންގެ ވަފާތެރިކަމާއި އިތުބާރު ހިފެހެއްޓިފައިވާ ނަމުގެ ސަބަބުން ކަމަށެވެ. ކުރިޔަށް އޮތް ތަނުގައި އެ މަރުކާގެ ދަށުން އިވެންޓްތަކާއި ކޮންފަރެންސްތަކާއި ގޭމިން އުފެއްދުންތަައް ތައާރަފްކުރާނެ ކަމަށް ދެ ކުންފުނިން ވެސް ބުނެފައިވެއެވެ. އަދި ޓީވީއާއި ވީޑިއޯގެ އުފެއްދުންތައް ވެސް ފެނިގެންދާނެ ކަަމަށް ބުނެފައިވެއެވެ.

މެރެޑިތުން ބުނީ އާ އެއްބަސްވުމާ އެކުވެސް، އެ މަޖައްލާއިން ބޭނުންވާ ކޮންޓެންޓް ގެނެސްދިނުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށެވެ. މެރެޑިތުން މަޖައްލާ ޗާޕުކޮށް ވެބްސައިޓް ހިންގަނީ އޮތެންޓިކް ބްރޭންޑްސްއަށް ފީއެއް ދައްކައިގެންނެވެ.

މެރެޑިތުން ސްޕޯޓްސް އިލަސްޓްރޭޓަޑްގެ މިލްކިއްޔާތު ލިބުނީ، ޓައިމް އިންކް ގަތުމަށް އެ ކުންފުނިން ހިންގި މުއާމަލާތުގައެވެ. އެ މަޖައްލާގެ އިތުރުން ޓައިމް، ފޯޗުން އަދި މަނީ މަޖައްލާ ވެސް އެ ކުންފުނިން ގަތުމަށް ފަހު ވިއްކާލަން އިއުލާން ކުރިއެވެ. އޭގެ ތެރެއިން ޓައިމް އަދި ފޯޗުން މަޖައްލާތައް މިހާރު ވިއްކާލާފައިވާ އިރު، މަނީ މަޖައްލާ ބާޒާރުން ނެގުމަށް ފަހު ހަމައެކަނި ޑިޖިޓަލް މަޖައްލާއެއްގެ ގޮތުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައެވެ.

- ކޮމެންޓް