ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 16:12
ސުކޫލުގެ މަޤާމުތައް ހަވާލުކުރުމެ ތެރެއިން
ސުކޫލުގެ މަޤާމުތައް ހަވާލުކުރުމެ ތެރެއިން
ރާއްޖެއެމްވީ
އިސްކަންދަރު ސުކޫލް
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
ދަރިވަރުންނާ ހަވާލު ކުރެވޭ ކޮންމެ މަޤާމަކީ ވަރަށް ޒިއްމާދާރު މަޤާމުތަކެއް

އިސްކަދަރު ސުކޫލުގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނާ އެ މަޤަމުތައް ހަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ސުކޫލުގެ އެކި ކުލަބުތަކުގެ ޕްރެޒިޑެންޓުންނާއި ވައިސް ޕްރެޒިޑެންޓުންގެ އިތުރުން އެކި ގްރޭޑުތަކުން ކްލަބު ތަމްސީލުކުރާ ދަރިވަރުންނަށް ވެސް އެކުދިންގެ މަޤާމުތައް ހަވާލު ކޮށްފައިވާ ކަމަށް ސުކޫލުގެ ޕްރިންސިޕަލް މަޢުލޫމާތު ދެއްވިއެވެ.

އިސްކަންދަރު ސުކޫލުގެ ޕޯސްޓުތަކުގެ ތެރޭގައި ހިމެނެނީ ސްކޫލުގެ ކެޕްޓަން އަދި ޑެޕިއުޓީ ކެޕްޓަނާއި، އެކްޓިވިޓީގެ ކެޕްޓަން އަދި ޑެޕިއުޓީ ކެޕްޓަނެވެ. އަދި ހަތަރު ހައުސްގެ 12 ޕޯސްޓާއި، 14 ކްލަބްގެ ތެރެއިން 70 ޕޯސްޓަށް ކުދިން އައްޔަންކޮށް އެ ދަރިވަރުންނަށް މަޤާމްތައް ހަވާލުކޮށްފައި ވާކަމަށް ސުކޫލުގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

މަޤާމުތަކަށް ކުދިން އައްޔަން ކުރުމުގައި ބެލި މިންގަނޑުތަކާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން އިސްކަންދަރު ސުކޫލުގެ ޕްރިންސިޕަލް ވިދާޅުވީ، މަޤާމުތަކަށް ކުދިން އައްޔަން ކުރުމުގައި ނަގަނީ ކުދިންގެ މެދުގައި ނެގޭ ވޯޓުގެ 20 ޕަސެންޓް ކަމަށެވެ. އަނެއް 80 ޕަސެންޓަކީ އިތުރު ހަރަކާތްތަކުގައި ކުއްޖާ ބައިވެރިވާ މިންވަރާއި، އެކެޑަމިކް ނަތީޖާ އަދި ކުއްޖާގެ ޑިސިޕްލިން އަށް ބަލައި އެއަށް ލިބޭ ޕޮއިންޓްތައް ކަމަށެވެ. މި ބައިތައް އިމްތިހާނު ކުރުމުގައި 80 ޕަސެންޓު ހަރަކާތްތެރިވާނީ ސުކޫލުގެ ޕީޓީއޭގެ މެންބަރުންނާއި، ސުކޫލުގެ މުދައްރިސުން ވެސް ހިމެނޭ ގޮތަށް ކަމަށާއި، ޕޯސްޓުތަކަށް ހޮވޭ ކުދިން އިއުލާން ކުރަނީ އެ ފަރާތްތަކުގެ ނިންމުންތަކަށް ޕީޓީއޭގެ ނައިބު ރައީސް ޗެކުކޮށް ސޮއިކުރުމުން ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

އިސްކަންދަރު ސުކޫލުގައި ހިމެނޭ ޕޯސްޓުތަކަށް ހޮވޭ ދަރިވަރުންނަކީ ވަރަށް ގިނަ ޒިއްމާތަކެއް އެކުދިންނާ ހަވާލުކުރެވޭ ކުދިންކަން ފާހަގަކުރައްވަމުން ސުކޫލުގެ ޕްރިންސިޕަލް ވިދާޅުވީ އެކުދިންގެ ދައުރަކީ ވަރަށް ޒިއްމާދާރު އަދި ފުޅާ ދައުރެއް ކަމަށެވެ.

ސްކޫލުގެ ކްލަބްތަކަކީ ވވަރަށް ބޮޑަށް ރޭވިގެން ހިންގާ ހަރަކާތްތަކެއް ކަމަށާއި އެގޮތުން ދަރިވަރުންގެ ތެރެއިން އެ ކުލަބަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ކްލަބްތައް ފަރުމާކުރެވިފައިވަނީ އެކުދިންގެ ހުނަރު ވީހާ ވެސް ބޮޑަށް ތަރައްޤީކުރެވޭނެ ގޮތަށް ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

މިގެ އިތުރުން ހައުސްތަކަށް އަމާޒުކޮށްގެން ވެސް އެކި ކަހަލަ ކުޅިވަރާއި، އެކިކަހަލަ މުބާރާތްތައް ރާވައި ހިންގުމަށް ސުކޫލުން ކަނޑައަޅާފައި ވާ ކަމަށް ވެސް ފްރިންސިޕަލް ފާހަގަކުރެއްވިއެވެ.

 

- ކޮމެންޓް