ރޯދަމަހަށް ފަހު ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލް މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ މާރުކޭޓުތައް އެހެން ސަރަޙައްދަކަށް ބަދަލުކުރަން ނިންމީ އެތަންތަން މަރާމާތުކުރުމަށް ކަމަށެވެ. އެ ދެ މާރުކޭޓު މަރާމާތުކޮށް ނިމެންދެން ވަގުތީ ގޮތުން ބަދަލުކުރުމަށް ނިންމާފައި ވަނީ ވެސްޓް ޕާކް ސަރަޙައްދުގައި ހަދާފައިވާ 45 ގޮޅީގެ ޖާގައިގެ މާރުކޭޓަށެވެ.
ޒަމީރު ވިދާޅުވީ މިހާރު ވެސް ގޮޅިތަކުގެ މުއްދަތު ހުރީ ހަމަވެފައި ކަމަށާއި، ގޮޅިތައް އެ ހިންގަނީ މީރާއާ ވާހަކަދައްކައިގެން ރޯދަމަހަށް ކުލި ދައްކަން ހާއްސަ އިންތިޒާމެއް ހަމަޖައްސައިގެން ކަމަށް ޒަމީރު ވިދާޅުވިއެވެ. އަލުން ގޮޅިތައް އިއުލާންކުރާނީ އެއްކޮށް މަރާމާތުކޮށް ނިމުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ އިތުރުން މަސް މާރުކޭޓު ވެސް ތަރައްޤީކުރުމަށް ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރޯދަމަސް ނިމުމާ އެކު ފެންވަރު ރަނގަޅު މަސްމާރުކޭޓެއް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ޒަމީރު ވިދާޅުވީ ސިޓީ ކައުންސިލްގެ ވިސްނުން ހުރީ މިހާރުގެ ވަޅޯމަސް މާރުކޭޓު ހިސާބުގައި ޒަމާނީ މަސް މާރުކޭޓެއް ތަރައްގީ ކުރުމަށް ކަމަށެވެ.
މިތަންތަނުގެ މަސައްކަތް ނިމުމުން އާންމުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. ގިނަ އަދަދެއްގެ ބަޔަކު ވިޔަފާރުކުރާ މާރުކޭޓުތަކައް އެއްވެސް ބަދަލުތަކެއް ނައިސް ހިންގާތާ ވަނީ އަހަރުތަކެއް ވެފައެވެ.