ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 15:38
 ރިޝީ ކަޕޫރު
ރިޝީ ކަޕޫރު
ގޫގުލް
ރިޝީ ކަޕޫރް
އެކްޓްކުރަން ފުރުސަތު މިލިބުނީ އަދިކިރިޔާ!
 
"ކަޕޫރް އެންޑް ސަންސް"، "އަގްނީޕަތް" އަދި "ޑީޑޭ" އިން ގިނަ ކްރިޓިކުންގެ ތައުރީފް ލިބުނު
 
"ކުއްލަމް ކުއްލާ: ރިޝީ ކަޕޫރ އަންސެންސަރޑް" ނެރެފައިވަނީ ދާދި ފަހުން

އެކްޓްކުރަން ފުރުސަތު ލިބުނީ އަދިކިރިޔާ ކަމަށް ރިޝީ ކަޕޫރު ބުނެފި އެވެ.

ގިނަ ދުވަސްތަކެއްގެ ބްރޭކަކަށް ފަހު އަލުން ފިލްމީ ދާއިރާއާ ގުޅުނު ރިޝީ ކަޕޫރު ބުނީ ކެރިއަރުގެ ފުރަތަމަ 25 އަހަރުގެ ތެރޭގައި ކުޅުނު ފިލްމުތަކުގައި ލަވަކިޔުމާއި ނެށުން ފިޔަވައި އިތުރު ކަމެއް ކުރަން ފުރުސަތެއް ނުލިބުނު ކަމަށެވެ. ނަމަވެސް، އަލުން ފިލްމީ ދާއިރާއާ ގުޅި، ޒުވާން އުމުރުގެ ރޯލްތައް ދޫކޮށްލުމުން އަސްލު އެކްޓްކުރަން ފުރުސަތު ފަހިވެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

ރިޝީ މިހެން ބުނީ، އިންޑިއާގައި މިހާރު ކުރިއަށްދާ ލިޓްރެޗަރ ފެސްޓިވަލެއްގައި ދެއްކި ވާހަކައިގަ އެވެ.

އޭނާ ފަހުން ކުޅުނު ފިލްމުތައް ކަމަށްވާ "ކަޕޫރް އެންޑް ސަންސް"، "އަގްނީޕަތް" އަދި "ޑީ ޑޭ" އިން ފެނިގެންދިޔައީ ވަރަށް ވެސް ތަފާތު ރޯލްތަކަކުން ކަމަށާއި އެ ރޯލްތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ރިޝީ ވަނީ ބުނެފަ އެވެ. އަދި، މި ރޯލްތަކަށް ކްރިޓިކުންގެ ތާއީދު ވަނީ ލިބިފަ އެވެ.

އެކްޝަން ފިލްމުތަކުގެ ރަން ޒަމާނުގައި ރޮމޭންޓިކް ހީރޯއެއްގެ ރޯލްތަކުން މަޝްހޫރުވި ރިޝީ ކަޕޫރް ވަނީ ވަރަށް ފަހުން އޭނާގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ފޮތެއް ނެރެފަ އެވެ. "ކުއްލަމް ކުއްލާ: ރިޝީ ކަޕޫރ އަންސެންސަރޑް" ގެ ނަމުގައި ނެރެފައިވާ ފޮތުގައި ރިޝީ ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކުރުމަށް ކުރި ބުރަ މަސައްކަތަށް ބަލައިލާފައި ވެއެވެ.

ރިޝީ ބުނީ "ބޮބީ" ނެރުމާ އެކު އޭނާ ވިދާލި ކަމަށެވެ. ނަމަވެސް، އޭރު އޭނާއަށްވީ އެންމެ 21 އަހަރު ކަމަށާއި އެ މަޝްހޫރުކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށް އޭނާ ބުންޏެވެ. ކެތްތެރިކަމާއި ހިތްތިރިކަން ދަސްވީ ބޮލީވުޑްގައި ހޭދަކުރި ދުވަސްތަކުން ކަމަށް ވެސް ރިޝީ ބުންޏެވެ.

ރިޝީ އެންމެ ފުރަތަމަ ފެނިގެންދިޔައީ ބައްޕަ ރާޖް ކަޕޫރްގެ ފިލްމް "މޭރާ ނާމް ޖޯކަރ" އިން ކުޑަކުއްޖެއްގެ ބައިގަ އެވެ. މި ފިލްމުން އޭނާއަށް އިންޑިއަން ނެޝަނަލް އެވޯޑެއް ލިބިފައި ވެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް