އިއްޔެ ބޭއްވި އޮސްކާ އެވޯޑް ހަފްލާގައި ބެސްޓް ޕިކްޗަރގެ އޮސްކާ އޮޅިގެން "ލާ ލާ ލޭންޑް" އަށް ދީފި އެވެ.
ބެސްޓް ޕިކްޗަރގެ އޮސްކާއަކީ މުޅި ރަސްމިއްޔާތުގައި ވެސް ދޭ އެންމެ ފަހު އަދި އެންމެ ޝަރަފްވެރި އޮސްކާ އެވެ. އެވޯޑް ހުށަހަޅައިދިން ވޮރެން ބީޓީ އަށް އޮޅިގެން ނުބައި ނަމެއް ކިޔުނުކަން އެނގުނީ އޮސްކާ އެވޯޑްސްގެ ޕްރޮޑިއުސަރަކު ސްޓޭޖަށް އަރާ، އެކަން ސަމާލު ކަމަށް ގެނައުމުންނެވެ. އޭރު، "ލާ ލާ ލޭންޑް" ގެ ހުރިހާ ތަރިން އޮސްކާއާ ހަވާލުވުމަށް ސްޓޭޖަށް އަރާފައި ވެއެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ފިލްމްގެ ގޮތުގައި ހޮވާފައި ވަނީ "މޫންލައިޓް" އެވެ.
އެވޯޑްސް ޕްރޮޑިއުސަރ އޮސްކާ ޓްރޮފީ އާއި ކިއު ކާޑުކޮޅު ބީޓީ އަތުން އަތުލުމަށް ފަހު، މި އެވޯޑަކީ "މޫންލައިޓް" އަށް ލިބުނު ފިލްމެއް ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި، މިއީ ޖޯކެއް ނޫން ކަމަށް ބުނެ، ކިއު ކާޑުކޮޅުގައި އޮތް ނަން މުޅި އޯޑިއެންސަށް ފެންނާނޭހެން ވަނީ ދައްކާލާފަ އެވެ.
އޮސްކާގެ އިތުރުން މިދިޔަ ޑިސެމްބަރު މަހު ބޭއްވި މިސް ޔުނިވާސްގެ ހަފްލާގައި ވެސް ވަނީ މިފަދަ ކަމެއް ދިމާވެފައެވެ. އެ ފަހަރު އެނައުންސަރަށް އޮޅިގެން އެހެން މީހެއްގެ ނަން ވަނީ އިއުލާނުކުރެވިފައެވެ.
"މޫންލައިޓް" އަކީ އެމެރިކާގެ ކަޅު ނަސްލުގެ ކުއްޖެއް ފްލޮރިޑާ ސްޓޭޓްގެ މަޔާމީގައި އުޅެ ބޮޑުވާ ގޮތް ދައްކުވައިދޭ ފިލްމެކެވެ. "ލާ ލާ ލޭންޑް" އަކީ ލޯބީގެ މިއުޒިކަލް ޑްރާމާ އެކެވެ.
"ލާ ލާ ލޭންޑް" އަށް ބެސްޓް ޕިކްޗަރގެ އޮސްކާ ނުލިބުނު ނަމަވެސް، ފިލްމްގެ ޑިރެކްޓަރ، ޑޭމިއަން ޗަޒެލް ވަނީ ބެސްޓް ޑިރެކްޓަރުގެ އޮސްކާ ހާސިލްކޮށްފަ އެވެ. އަދި، ފިލްމްގެ އަންހެން ލީޑް، އެމާ ސްޓޯން ވަނީ ބެސްޓް އެކްޓްރެސްގެ އޮސްކާ ހޯދާފައިވެ އެވެ. މީގެ އިތުރުން، "ލާ ލާ ލޭންޑް" އަށް ވަނީ ބެސްޓް ސިނަމެޓޮގްރަފީ، ބެސްޓް އޮރިޖިނަލް ސްކޯރ އަދި ބެސްޓް އޮރިޖިނަލް ސޯންގް ކެޓަގަރީތަކުން އޮސްކާ ލިބިފަ އެވެ. ބެސްޓް އެކްޓަރގެ އޮސްކާ ލިބިފައިވަނީ "މެންޗެސްޓަރ ބައި ދަ ސީ" އިން ކޭސީ އެފްލެކް އަށެވެ. ބެސްޓް ސަޕޯޓިންގ އެކްޓަރގެ އޮސްކާ "މޫންލައިޓް" ގެ މަހެރްޝާލާ އަލީ ކާމިޔާބު ކޮށްފައިވާ އިރު، ބެސްޓް ސަޕޯޓިންގ އެކްޓްރެސްގެ އޮސްކާ ކާމިޔާބު ކޮށްފައިވަނީ "ފެންސަސް" އިން ވަޔޯލާ ޑޭވިސް އެވެ.
"މެންޗެސްޓަރ ބައި ދަ ސީ" ވަނީ ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ ކާމިޔާބު ކޮށްފަ އެވެ. ބެސްޓް އެޑެޕްޓެޑް ސްކްރީންޕްލޭގެ ކެޓަގަރީ "މޫންލައިޓް" އިން ވަނީ ކާމިޔާބުކޮށްފަ އެވެ. އިރާނުގެ ފިލްމެއް ކަމަށްވާ "ދަ ސޭލްސްމަން" އަށް ބެސްޓް ފޮރިން ލެންގުއޭޖް ފިލްމްގެ އޮސްކާ ލިބިފައިވާ އިރު، "ޒޫޓޯޕިއާ" ހޮވިގެންދިޔައީ އެންމެ މޮޅު އެނިމޭޓެޑް ފީޗަރގެ ގޮތުގަ އެވެ. މިދިޔަ އަހަރު ނެރުނު "ޖަންގަލް ބުކް" އަށް ބެސްޓް ވިޝުއަލް އެފެކްޓްސްގެ އެވޯޑް ލިބުނެވެ.