ކ. މާލެ
|
26 މެއި 2019 | އާދީއްތަ 11:07
ޒޯހިބް އިސްމާއިލް އަމީރީ
ޒޯހިބް އިސްމާއިލް އަމީރީ
ފޭސްބުކް
ޒޯހިބް އިސްމާއިލް އަމީރީ
އަމީރީގެ މައްސަލައިގައި ނިއުގެ އަދަބު ތަންފީޒުކުރަން ފީފާއިން ނިންމައިފި
ފައިސާ ދައްކަން އެދުނު މުއްދަތުގައި ނިއުއިން ފައިސާ ނުދައްކާ

މިދިޔަ ސީޒަނުގެ ކުރީކޮޅު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު އަފްޣާނިސްތާނުގެ ކުރީގެ ކެޕްޓަން ޒޯހިބް އިސްމާއިލް އަމީރީއަށް ދޭން ޖެހޭ މުސާރަ ދިނުމަށް ފީފާ އިން ދިން މުހުތަލުގައި ފައިސާ ދައްކާފައި ނުވާތީ، އެ ފައިސާ ދެއްކުމާ ހަމަޔަށް ކުރިއަށް އޮތް ތިން ޓްރާންސްފާ މުއްދަތުގައި ނިއު އަށް ކުޅުންތެރިން ނުގެނެވޭނެ ކަމަށް ފީފާ އިން އަންގައިފި އެވެ.

ނިއު އިން އަމީރީއަށް މުސާރަ ނުދިން މައްސަލައިގައި އަމީރީގެ ފަރާތުން ފީފާއަށް ހުށަހެޅި، މައްސަލަ ބެލުމަށް ފަހު ފީފާއިން ނިއުރޭޑިއަންޓަށް ފޮނުވި ސިޓީގައި ވަނީ އަމީރީއަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 13،250 ޑޮލަރާއި، މަގުބޫލު އުޒުރެއް ނެތި އޭނާގެ ކޮންޓްރެކްޓް ބާތިލު ކުރުމުން ލިބުނު ގެއްލުމުގެ ގޮތުގައި 30،130 ޑޮލަރު ދިނުމަށެވެ.

ނިއުއަށް ފީފާއިން ދިން 45 ދުވަހުގެ މުހުލަތު ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ، އެ ކްލަބަށް ލިބޭނެ އަދަބަކީ ކުރިއަށް އޮތް ތިން ޓްރާންސްފާ މުއްދަތުގެ ތެރޭގައި ކުޅުންތެރިއަކު ރަޖިސްޓްރީނުކުރެވުން ކަމަށް ފީފާއިން ވަނީ މީގެ ކުރިން އިންޒާރު ވެސް ދީފައެވެ.

މިދިޔަ ސީޒަނުގައި ނިއު އިން އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރި އިރު، އެ ކްލަބަށް މޮޅު ކުޅުމެއް ދެއްކުމަށް ފަހު އަމީރީ ރާއްޖޭން ފުރީ މިދިޔަ އަަހރުގެ ޖޫން 8 ވަނަ ދުވަހު އެ ކްލަބުން ކަންތައްތައް އޮޅުވާލަމުންދާ ކަމަށް ބުނެއެވެ. އަދި އެ މައްސަލައިގައި އޭނާގެ ހައްގުތަކެއް ގެއްލިފައި ވާތީ އޭގެ ބަދަލުތަކެއް ހޯދަން ދައުވާކުރާނެ ކަމަށް އޭރު ބުންޏެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން ވަނީ ދާދި ފަހުން ކުޅިވަރުގެ ހުރިހާ ހަރަކާތަކުން އެ ކްލަބް ސަސްޕެންޑުކޮށްފައެވެ. އެ ކްލަބް ސަސްޕެންޑުކުރީ މުސާރައިގެ ގޮތުގައި ކުޅުންތެރިންނަށް ދޭންޖެހޭ 3.8 މިލިއަން ރުފިޔާ ދިނުމުން ސަސްޕެންޝަން އުވާލެވޭ ގޮތަށެވެ.

- ކޮމެންޓް