ކ. މާލެ
|
26 މެއި 2019 | އާދީއްތަ 08:42
އެޑެން ހަޒާޑް
އެޑެން ހަޒާޑް
ގެޓީ އިމޭޖަސް
އެޑެން ހަޒާޑް
ޗެލްސީން ބޭނުންވަނީ 112 މިލިއަން ޕައުންޑަށް ހަޒާޑް ވިއްކާލަން
ހަޒާޑްގެ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރު

ޗެލްސީން ބޭނުންވަނީ އެ ކްލަބަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް 112 މިލިއަން ޕައުންޑަށް ވިއްކާލަން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިރާއިން ބުނީ، މި ސީޒަނަށްފަހު ހަޒާޑް ބޭނުންވަނީ ޗެލްސީ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން ކަމަށާއި، އެގޮތުން ޗެލްސީން އޭނާ ވިއްކާލަން ނިންމާފައިވާ ކަމަށެވެ. އަދި ޗެލްސީން އޭނާ ވިއްކާލަން އެއްބަސްވަނީ 112 މިލިއަން ޕައުންޑަށް ކަމަށްވެސް އެ ނޫހުން ބުނެއެވެ.

އުމުރުން 28 އަހަރުގެ ހަޒާޑް ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، ހަފްތާތަކެއް ކުރިން ކުރިމަގާމެދު ގޮތެއް ނިންމާފައިވާ ކަމަށާއި، އެކަން ކްލަބާ ވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.

ހަޒާޑް ބުނީ، ޗެލްސީއާއެކު ޔޫރޮޕާ ލީގު ފައިނަލް ކުޅެން ޖެހޭ ކަމަށާއި، މިވަގުތު ހުރިހާވެސް ވިސްނުމެއް ހުރީ އެކަމަށް ކަމަށެވެ. ނަމަވެސް އޭނާ ބުނީ، ފައިނަލް މެޗަށްފަހު އޭނާ ނިންމި ގޮތް އެނގިގެންދާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ހަޒާޑް ބޭނުންވަނީ މި ސީޒަނަށްފަހު، ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވާށެވެ. އަދި އެކަމަށް ރެއާލުންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރެއާލްގެ އިތުރުން ވެސް ގިނަ ކްލަބްތަކުން އަންނަނީ ހަޒާޑް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިޓަލީ އަދި ޖަރުމަންގެ ކްލަބްތައް ވެސް ހިމެނެއެވެ. ޗެލްސީއާ އެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރެވެ.

ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެ ޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު 351 މެޗުގައި 108 ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެލްސީއާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ހަޒާޑް ވަނީ އެ ޓީމާ އެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 100 މެޗުގައި 30 ލަނޑު ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް