އިންޓަ މިލާނަށް ބަދަލުވާން ރޯމާއަށް ކުޅެމުން އަންނަ ބޮސްނިއާގެ ފޯވާޑް އެޑިން ޒެކޯ އެއްބަސްވެއްޖެއެވެ.
ސްކައި ސްޕޯޓް އިޓަލީއިން ބުނީ، ޓްރާންސްފާގެ ކަންތަކާ ޒެކޯ އާއި އިންޓައާ މެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، މިހާރު ކުރިޔަށްދަނީ އޭނާ އެ ކްލަބަށް ބަދަލުވުމުގެ އެންމެ ފަހުގެ ކަންތައް ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޒެކޯ އިންޓައަށް ބަދަލުވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އޭނާއަށް ތިން ސީޒަން ކުޅުމުގެ އިހުތިޔާރު ލިބޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ޒެކޯ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޖަރުމަން އަދި ސްޕެއިންގެ ކްލަބްތައްވެސް ހިމެނެއެވެ.
މެންޗެސްޓާ ސިޓީން ވިދާލި އުމުރުން 33 އަހަރުގެ ޒެކޯ ރޯމާއަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އޭނާ ވަނީ ސިޓީގައި ހޭދަ ކުރި ފަސް އަހަރު ތެރޭގައި ކުޅުނު 189 މެޗުގައި 72 ލަނޑު ކާމިޔާބުކޮށްފައެވެ.
ޒެކޯ ވަނީ ސިޓީއާއެކު ދެ ފަހަރު ޕްރިމިއާ ލީގު، އެއް ލީގް ކަޕް އަދި އެއް ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކުރުމުގެ އިތުރުން ޕްރިމިއާ ލީގުގެ ޕްލޭޔާ އޮފް ދަ މަންތު އެއްފަހަރު ހޯދާފައެވެ.
ރޯމާއަށް މިހާތަނަށް ކުޅުނު 176 މެޗުގައި 87 ލަނޑު ކާމިޔާބުކޮށްފައިވާ ޒެކޯ ވަނީ މިދިޔަ ސީޒަނުގައި ރޯމާގެ ސަޕޯޓަރުން މެދުގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދާފައެވެ.
ބޮސްނިއާ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 101 މެޗުގައި 55 ލަނޑު ކާމިޔާބުކޮށްފައިވާ ޒެކޯ ވަނީ ބޮސްނިއާގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު އަދި ސްޕޯޓްސްމެން އޮފް ދަ އިޔާ ދެފަހަރު ހޯދާފައެވެ.