ކ. މާލެ
|
26 މެއި 2019 | އާދީއްތަ 08:33
ޗެލްސީގެ ކޯޗު ސާރީ (ކ) އަދި ޗެލްސީގެ ކުރީގެ ލެޖެންޑް ލަމްޕާޑް (ވ)
ޗެލްސީގެ ކޯޗު ސާރީ (ކ) އަދި ޗެލްސީގެ ކުރީގެ ލެޖެންޑް ލަމްޕާޑް (ވ)
ގެޓީ އިމޭޖަސް
ސާރީ - ލަމްޕާޑް
ޔުވެންޓަސްގެ ކޯޗަކަށް ސާރީ އަދި ޗެލްސީގެ ކޯޗަކަށް ލަމްޕާޑް ހަމަޖައްސަނީ؟
ޗެލްްސީގެ ކޯޗުކަމަށް ލަމްޕާޑްގެ ޝައުގުވެރިކަން އެބަހުރި
ސާރީ ބޭނުމެއް ނުވޭ ޕްރިމިއާ ލީގު ދޫކޮށްލަން

ޔުވެންޓަސްގެ ކޯޗުކަމާ މައުރީޒިއޯ ސާރީ ހަވާލުވާއިރު، ޗެލްސީގެ ކޯޗުކަމާ އެ ކްލަބުގެ ކުރީގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ހަވާލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ ދަ ސަންއިން ބުނީ، ކުރިއަށް އޮތް ސީޒަނަށް އަމާޒުކޮށް ޔުވެންޓަސްގެ ކޯޗަކަށް ސާރީ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޗެލްސީން އޭނާ ފަސް މިލިއަން ޔޫރޯއަށް ދޫކޮށްލަން ތައްޔާރަށް އޮތް ކަމަށެވެ. އަދި އެ އަދަދާމެދު ޔުވެންޓަސްއިން ހިތްހަމަ ޖެހޭ ކަމަށް ވެސް އެ ނޫހުން ވަނީ ބުނެފައެވެ.

ދަ ސަންއިން އިތުރަށް ބުނީ، ޗެލްސީގެ ކޯޗުކަމުން ސާރީ ވަކިވެއްޖެނަމަ، އެ ކްލަބުގެ ކޯޗުކަމާ ހަވާލުވުން އެންމެ ގާތީ ލަމްޕާޑް ކަމަށާއި، އެކަމަށް ޗެލްސީން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ނަމަވެސް ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ސާރީ ބުނީ، ޕްރިމިއާ ލީގުގައި ކޯޗުކޮށްދިނުމަކީ ލިބޭ އުފަލެއް ކަމަށާއި، ޗެލްސީއަކީ ޕްރިމިއާ ލީގުގައި މުހިންމު ކްލަބެއް ކަމަށެވެ.

އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތްކަން ފާހަގަކުރަމުން ސާރީ ބުނީ، ގަބޫލުކުރެވޭ ގޮތުގައި އޭނާގެ ކުރިމަގު ބައްޓަންވާނީ ބުދަ ދުވަހުގެ ރޭ ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލަށް ފަހު ކަމަށާއި، އެ މެޗަށް މިހާރު ހުރިހާ ވިސްނުމެއް ހުރި ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ޗެލްސީގެ ކޯޗުކަމާ ސާރީ ހަވާލުވުމަށްފަހު، މިހާތަނަށް އިރުޝާދުދިން 62 މެޗުގެ ތެރެއިން 38 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. ބާކީ 11 މެޗުން އެ ޓީމު ބަލިވިއިރު، 13 މެޗުން ވަނީ އެއްވަރުވެފައެވެ.

ލަމްޕާޑް އޭނާގެ ކޯޗިން ކެރިޔަރު ފަށާފައި ވަނީ މިހާރު ކޯޗުކޮށްދެމުން އަންނަ ޑާބީ ކަންޓްރީން 2018 ވަނަ އަހަރެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް އެ ކްލަބް ކުޅުނު 56 މެޗުގެ ތެރެއިން 24 މެޗުން މޮޅުވެފައިވާއިރު، 15 މެޗުން ވަނީ ބަލިވެފައެވެ. ބާކީ 17 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

- ކޮމެންޓް