ކ. މާލެ
|
26 މެއި 2019 | އާދީއްތަ 08:28
ވެލެންސިއާއިން ކޮޕާޑެލްރޭގެ ތަށި އުފުލާލަނީ
ވެލެންސިއާއިން ކޮޕާޑެލްރޭގެ ތަށި އުފުލާލަނީ
ޓްވިޓަރ
ކޮޕަޑެލްރޭ
ކޮޕަޑެލްރޭ: ބާސާ ބަލިކޮށް 11 އަހަރަށްފަހު ވެލެންސިއާ ތަށި އުފުލާލައިފި
މުބާރާތުގެ ތަށި އެންމެ ގިނައިން ހޯދީ ބާސާއިން

ކޮޕަޑެލްރޭގައި ބާސެލޯނާ ބަލިކޮށް 11 އަހަރަށްފަހު މުބާރާތުގެ ތަށި ވެލެންސިއާއިން އުފުލާލައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ބާސާއާ ވާދަކޮށް ވެލެންސިއާއިން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ސެވިއްޔާގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މެޗުގެ 18 މިނެޓުގައި ލިއޮނެލް މެސީއަށް ވަނީ ލަނޑު ޖެހުމަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެލެންސިއާއިންނެވެ. މި ލަނޑު 21 ވަނަ މިނެޓުގައި ޖޮސޭ ގަޔާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ގަމީރޯއެވެ. މި ލަނޑަށްފަހު ވެސް ވެލެންސިއާއިން ދިޔައީ ބާސާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

އެގޮތުން 33 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކާލޮސް ސޮލާގެ އެހީތެރިކަމާއެކު ރޮޑްރިގޯއެވެ.

ފުރަތަމަ ހާފްގެ ފަހުކޮޅު ބާސާއަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ދެ ވަނަ ހާފް ފެށިގެން ބާސާއިން އެ ޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، ފުލުފުލުގައި އެޓީމުން ވަނީ ހަމަލާތައް އުފައްދާފައެވެ. އަދި އެޓީމަށް ވަނީ ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ބާސާއިން ނަތީޖާގެ ފަރަގު ކުޑަކުރީ 73 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ މެސީއެވެ. މި ލަނޑާއެކު އޭނާ ވެގެންގޮސްފައިވަނީ ކޮޕަޑެލްރޭގެ ހަ ފައިނަލެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ ހަ ފައިނަލެއްގައި ހަތް ލަނޑު ކާމިޔާބުކޮށްފައެވެ.

މިއީ ވެލެންސިއާއިން 2008 ވަނަ އަހަރަށްފަހު ކޮޕަޑެލްރޭ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެޓީމުން 2008 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރީ ގެޓަފޭ ބަލިކުރުމަށްފަހުއެވެ. މިއީ އެޓީމުން މުބާރާތް ކާމިޔާބުކުރި 8 ވަނަ ފަހަރެވެ.

ކޮޕަޑެލްރޭގެ އެންމެ ގިނަ ތަށި ކާމިޔާބުކޮށްފައިވަނީ ބާސާއިންނެވެ. އެޓީމުން 30 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާއިރު، އެޓީމާ އެންމެ ވާދަކުރާ އެތުލެޓިކޯ ބިލްބާއޯއިން ވަނީ 23 ފަހަރު މި ތަށި ކާމިޔާބުކޮށްފައެވެ. އަދި ރެއާލް މެޑްރިޑުން ވަނީ 19 ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް