ކ. މާލެ
|
22 މެއި 2019 | ބުދަ 21:11
މައުރީޒިއޯ ސާރީ
މައުރީޒިއޯ ސާރީ
ގެޓީ އިމޭޖަސް
މައުރީޒިއޯ ސާރީ
ޗެލްސީގައި މަޑުކުރަން ބޭނުން: ސާރީ
ސާރީ ހޯދުމަށް ރޯމާއިން އަންނަނީ މަސައްކަތް ކުރަމުން

ޗެލްސީގައި މަޑުކުރަން ބޭނުންވާ ކަމަށް އެ ކްލަބުގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ސާރީ ބުނީ، ޕްރިމިއާ ލީގުގައި ކޯޗުކޮށްދިނުމަކީ ލިބޭ އުފަލެއް ކަމަށާއި، ޗެލްސީއަކީ ޕްރިމިއާ ލީގުގައި މުހިންމު ކްލަބެއް ކަމަށެވެ.

އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތްކަން ފާހަގަކުރަމުން ސާރީ ބުނީ، ގަބޫލުކުރެވޭ ގޮތުގައި އޭނާގެ ކުރިމަގު ބައްޓަންވާނީ ބުދަ ދުވަހުގެ ރޭ ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލަށް ފަހު ކަމަށާއި، އެ މެޗަށް މިހާރު ހުރިހާ ވިސްނުމެއް ހުރި ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔޫރޮޕާ ލީގުގެ ފައިނަލުން ޗެލްސީ ބަލިވެއްޖެ ނަމަ، އެ ކްލަބުގެ ކޯޗުކަމުން ސާރީ ވަކިކުރާނެއެވެ. ނަމަވެސް ސާރީ ވަނީ އެއްބަސްވުން ހަމަވުމުގެ ކުރިން އެހެން ކްލަބަކަށް ބަދަލުވުމަކީ ދުރުކަމެއް ކަމަށް ބުނެފައެވެ.

މީގެ އިތުރުން ބައެއް ރިޕޯޓްތައް ބުނާގޮތުން ޗެލްސީގެ ކޯޗުކަމުން ސާރީ ވަކިކޮށްފިނަމަ، އޭނާ ހަވާލުވާނީ ރޯމާއާއެވެ. އެގޮތުން ރޯމާއިން އަންނަނީ ސާރީ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު 38 މެޗުގެ ތެރެއިން 21 މެޗުން މޮޅުވެފައިވާއިރު، 8 މެޗުން އެޓީމު ވަނީ ބަލިވެފައެވެ. އަދި އެޓީމު ވަނީ ނުވަ މެޗުން އެއްވަރުވެފައެވެ. އެޓީމން ލީގު ނިންމާލީ ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ޗެލްސީގެ ކޯޗުކަމާ ސާރީ ހަވާލުވުމަށްފަހު، މިހާތަނަށް އިރުޝާދުދިން 62 މެޗުގެ ތެރެއިން 38 މެޗުން އެޓީމު ވަނީ މޮޅުވެފައެވެ. ބާކީ 11 މެޗުން އެޓީމު ބަލިވިއިރު، 13 މެޗުން ވަނީ އެއްވަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް