Advertisement
ކ. މާލެ
|
22 މެއި 2019 | ބުދަ 15:43
މީހަކު ޒަކާތް ދައްކަނީ
މީހަކު ޒަކާތް ދައްކަނީ
ޝުއައިބް މުހައްމަދު އިގްބާލް
އިސްލާމިކް މިނިސްޓްރީ
ރޯދަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ
ޒަކާތް ބަލައިގަންނަނީ ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް

މި ރަމަޟާން މަހު ގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރަމަޟާން މަހުގެ 16 ވަނަ ދުވަހާއި ހަމައަށް 1،655،275ރ. (އެއް މިލިއަން ހަލައްކަ ފަންސާސް ފަސްހާސް ދުއިސައްތަ ހަތްދިހަ ފަސް ރުފިޔާ) އެ މިނިސްޓްރީއަށް ވަނީ ލިބިފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ ރަމަޟާން މަހާއި އަޅާބަލާއިރު ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާއަށްވުރު އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 1،499،337ރ. (އެއް މިލިއަން ހަތަރު ލައްކަ ނުވަދިހަ ނުވަހާސް ތިންސަތޭކަ ތިރީސް ހަތް ރުފިޔާ) އެވެ. ފިތުރު ޒަކާތުގެ ގޮތުގައި ނެރެންޖެހެނީ އަހަރެއްގެ ތެރޭގައި އެރަށެއްގެ ބަނޑުކެއުމުގައި އާންމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ޒަކާތް ބަލައިގަންނާނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 02 ވަނަ ދުވަހާ ހަމަޔަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގައި ކަމަށެވެ.

Advertisement

ރާއްޖޭގެ މުވާސަލާތީ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫ މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެއެވެ. ދިރާގު ޕްރިޕެއިޑް ނަންބަރުން *454*5*1# ޓެގްކުރުމަށްފަހު ދައްކަން ބޭނުންވާ ބާވަތެއް އިހުތިޔާރުކޮށް ފިތުރު ޒަކާތް ދެއްކިދާނެ އެވެ. އުރީދޫ ޕްރިޕެއިޑް ނަންބަރުން ޒަކާތް ދައްކާނަމަ *909*1# އަށް ޓެގްކުރުމަށްފަހު ޒަކާތް ދައްކަން ބޭނުންންވާ ބާވަތެއް އިހުތިޔާރުކޮށް ފިތުރު ޒަކާތް ދެއްކިދާނެއެވެ. މީގެ އިތުރުން ބީއެމްއެލް މެދުވެރިކޮށް ޒަކާތް ދެއްކުމަށް އެ ބޭންކުގެ ވެބްސައިޓަށް ވަނުމަށްފަހު "ޕޭ ފިތުރު ޒަކާތް" އިޚްތިޔާރު ކުރުމަށްފަހު ޒަކާތް ދެއްކޭނެއެވެ.

ހުޅުމާލޭގައި ޒަކާތް ބަލައިގަންނާނީ އެ އަވަށު ކޮމިއުނިޓީ ސެންޓަރުން ކަމަށާއި، ވިލި މާލޭގައި ޒަކާތް ބަލައިގަންނާނީ ވިލިމާލޭ ޔުނިޓުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، ރަށްރަށުގައި ޒަކާތް ބަލައިގަންނަނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް