ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 01:20
ޓީސީ އަދި މަނަންގް ބައްދަލުކުރި މެޗުގެ ތެރެއިން
ޓީސީ އަދި މަނަންގް ބައްދަލުކުރި މެޗުގެ ތެރެއިން
ޔޫޓިއުބް
ޝައިހް ކަމާލް އިންޓަނޭޝަނަލް
ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް
 
މެޗުގައި ޓީސީގެ ގޯލު ކީޕަރު ކިރަން ކުމާރު ވަނީ މޮޅު ކުޅުމެއް ދައްކާ މަނަންގްގެ ގިނަ ހަމަލާ ދިފާއުކޮށްފަ
 
ޓީސީ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި ނޭޕާލްގެ މަނަންގް މާޝިއާންޑީ ކްލަބް ބަލިކުރުމަށްފަހު
 
މިއީ ބައިނަލްއަގުވާމީ ކްލަބް މުބާރާތެއްގެ ފައިނަލުން ރާއްޖޭގެ ކްލަބެއް ޖާގަ ހޯދި ފުރަތަމަ ފަހަރު

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ނޭޕާލްގެ މަނަންގް މާޝިއާންޑީ ކްލަބް ބަލިކުރުމަށްފަހު ޓީސީ ސްޕޯޓްސް ކްލަބް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.

މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޓީސީ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި ނޭޕާލްގެ މަނަންގް މާޝިއާންޑީ ކްލަބް ބަލިކުރުމަށްފަހު އެވެ.

ޗިޓޮގަންގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ލަނޑު ޖަހަން ހުސް ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ދެޓީމަށްވެސް ވަނީ ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. އެގޮތުން ލަނޑު ޖަހަން ދެވަނަ ހާފްގައިވެސް ދެޓީމަށް ވަނީ ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފްގައި ޓީސީ އަށް މެޗުގެ ލީޑު ނަގައިދޭން އިބްރާހިމް މަހުދީ އަދި ހަސަން އިބްރާހިމް އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

ޓީސީން މެޗުގެ ލީޑު ނެގީ 82 ވަނަ މިނެޓުގައި އަލީ ނާފިއު (ކަޅޭ) ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ މަނަންގް ގޯލު ކީޕަރު އަތުން ބޯޅަ ދޫވެގެން އައި ގަޑީގައި ކަޅޭ ފައިގައި ޖެހިފައި ވަތް ލަނޑެކެވެ.

މި ލަނޑަށްފަހު ޓީސީން ވަނީ މުޅިން އެއްކޮށް ފަހަތަށް ޖެހި މޮޅު ޑިފެންސެއްކޮށްފައެވެ. އެގޮތުން އެޓީމުން ދިޔައީ މަނަންގް ޓީމުން ފޮނުވާލި ހަމަލާތައް ފުލުފުލުގައި މެޗުގެ ފަހު ވަގުތު ދިފާއުކުރަމުންނެވެ. މުޅި މެޗުގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައިވަނީ ޓީސީގެ ގޯލު ކީޕަރު ކިރަން އެވެ. އޭނާ ވަނީ މަނަންގް ޓީމުގެ ގިނަ ހަމަލާތައް ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ޓީސީ ފައިނަލަށް ދަތުރުކޮށްފައިވާއިރު، އެޓީމު ފައިނަލްގައި ބައްދަލުކުރަންޖެހޭ ޓީމެއް ކަށަވަރުވާނީ އަންގާރަ ދުވަހު ހަވީރު ޗިޓޮގަން އާއި ކޮރެއާ ކްލަބް ބައްދަލުކުރާ މެޗަށްފަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް