ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ދޭން ވައުދުވި 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދިވެސް ނުލިބޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
ސައުދީން ރާއްޖެ އަށް 2.3 ބިލިއަން ރުފިޔާގެ އެހީ އެއް ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކުރީ، ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެގައުމަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ.
އެ އެހީއާ ގުޅޭ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ 2.3 ބިލިއަން ރުފިޔާއަކީ ވަކި ދާއިރާއަކަށް ޚަރަދުކުރުމަށް ދޭ އެހީއެއް ނޫން ކަމަށާއި، އެ ފައިސާއަކީ ރާއްޖޭގެ ރިޒާވަށް ލިބޭ ފައިސާ ކަމަށެވެ. އަދި އެ ފައިސާ އިން ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް ވެސް ޝައިނީ ވިދާޅުވެފައިވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 6 ވަނަ ދުވަހު ޝައިނީ ވިދާޅުވީ އެ ފައިސާ ރާއްޖެއާ ހަވާލުކުރުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ފައިސާ ލިބިގެންދާނެ ކަމަށެވެ.
މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ފައިސާ ލިބޭނެ ކަމަށް ޝައިނީ ވިދާޅުވިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު، އެމްއެމްއޭ އިން ހޯމަ ދުވަހު ބުނީ ސައުދީން ދޭނެ ކަމަށް ބުނި 150 މިލިއަން ޑޮލަރު އަދި މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
ސައުދީން ދޭން ބުނި ފައިސާ ލިބިފައިނުވާ ކަމަށް އެމްއެމްއޭއިން ބުނާއިރު، ރަސްމީ ދަތުރުފުޅެއްގައި އަންނަ މަހު ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި އެގައުމުގެ އިސްވެރިން ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، ފ. އަތޮޅު ސައުދީ އަށް ވިއްކާލަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެ އަތޮޅުގެ ބައެއް ރަށްތަކާއި ފަޅުތައް ސައުދީ އަށް ދޫކޮށްލަން އުޅޭ ކަމަށް ބުނާ ވާހަކަތައް ސަރުކާރުން ދޮގެއް ނުކުރެ އެވެ.