Advertisement
ކ. މާލެ
|
20 މެއި 2019 | ހޯމަ 12:24
ސިވިލް ކޯޓު ހިންގާ ބިލްޑިން
ސިވިލް ކޯޓު ހިންގާ ބިލްޑިން
ރާއްޖެއެމްވީ
ދީބާޖާ މައްސަލަ
ސުޕްރީމް ކޯޓުގެ ހުކުމްގައި ދީބާޖާ އަށް ފައިސާ ދޫކުރަން ޖެހޭ ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް: ދައުލަތް
ދައުލަތުން ވަނީ 5 ސޮފްހާގެ ބަޔާނެއް ޝަރީޔަތުގެ މަޖިލީހަށް ހުށައަޅާފައި
ދެން އަޑު އެހުމެއް އޮންނާނީ ބުރާސްފަތި ދުވަހު

ސުޕްރީމް ކޯޓުގެ ހުކުމްގައި ދީބާޖާ އިންވެސްޓްމެންޓް އަށް ފައިސާ ދޫކުރަން ޖެހޭ ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ކަމަށް ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފިއެވެ.

މީގެ ހަތަރު އަހަރު ކުރިން ފެށިގެން ދަށު ކޯޓާއި މަތީ ކޯޓުތަކުގައި މައްސަލަ ހިންގާފައިވާ ދީބާޖާ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނިންމައި، އެ ކުންފުންނަށް 348 މިލިއަން ރުފިޔާ ދިނުމަށް ކުރި ހުކުމް ނިހާއީ ހުކުމަކަށް ބަދަލުވީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އެ މައްސަލާގައި ދައުލަތުން އެދިފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމް ރިވިއު ކޮށްދިނުމަށެވެ.

ހޯމަ ދުވަހު އޮތް ޝަރީޢަތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ 5 ސޮފްހާގެ ބަޔާނެއް ޝަރީޔަތަށް ހުށައަޅާފައެވެ. އެ ބަޔާނުގައިވާ ގޮތުން ދީބާޖާ މައްސަލާގައި ފައިސާ ދިނުމަށް ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ކުރިއިރު ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާކަން ފާހަގަ ކޮށްފައިވެއެވެ. އަދި އެ މައްސަލަ ކުރިޔަށް ގެންދަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ މައްސަލަ ބާތިލްކޮށް ދިނުމަށް އޭޖީން އެދިފައިވެއެވެެ.

ސިވިލް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމް ބުނާ ގޮތުން ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތުން ދީބާޖާ އަށް ފައިސާ ދައްކައި ހަލާސް ކުރަން ޖެހެއެވެ. ދައުލަތުގެ ވަކީލާ ސަލްވާ އަބްދުﷲ ޝަރީޔަތުގެ މަޖިލީހުގައި ވިދާޅުވީ، އޭޖީން ފޮނުވާފައިވާ ސިޓީއަށް ސިވިލް ކޯޓުން ޖަވާބު ދީފައިނުވާ ކަމަށެވެ.

Advertisement

ގާޒީ ހަސަން ފަހީމް ވިދާޅުވީ، ދައުލަތުން ބޭނުންވާ ކަންތައްތައް ސާފުކޮށްދީ ސިޓީގެ ޖަވާބު ސިވިލް ކޯޓުން ފޮނުވާނެ ކަމަށެވެ. އެ މައްސަލައިގެ އަޑު އެހުމެއް ދެން އޮންނާނީ މި ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

ޝަރީޔަތުގެ މަޖިލީހުގައި ދީބާޖާގެ ކުންފުނިން ބުނީ އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ނުލިބި އެ މައްސަލަ ދިގު ދެމިގެންދާތާ ހަ އަހަރު ދުވަސްވެފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކޮށްދިނުމަށް އޭނާ ޝަރީޔަތުގެ މަޖިލީހުގައި އެދުނެވެ.

ދީބާޖާއަކީ ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅުގެ އިތުރުން ޅ. އަތޮޅު ހިމެނޭ ގޮތަށް ދަތުރުފަތުގެ ހިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަވާލު ކުރި ކުންފުންޏެކެވެ. ނަމަވެސް ރައީސް ވަހީދުގެ ވެރިކަމުގައި އެ ކުންފުންނަށް ހަވާލު ކުރި އެއްބަސްވުން 2013 ވަނަ އަހަރު ވަނީ ބާތިލު ކޮށްފައެވެ.

ދީބާޖާއަކީ ރެޒޮނަންސް ޕްރައިވެޓް ލިމިޓެޑާއި ސްވެނިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް