Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 19:28
ރާއްޖެ ޓީޥީގެ ކެމެރާމަން އާދަމް ޒަރީރި
ރާއްޖެ ޓީޥީގެ ކެމެރާމަން އާދަމް ޒަރީރި
މުހައްމަދު ޝަރުހާން
ރާއްޖެ ޓީވީ
ރާއްޖެޓީވީގެ ނޫސްވެރިޔާ ޒަރީރު 3،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފި
ޒަރީރު ވަނީ 3000 ރުފިޔާއިން ޖޫރިމާނާ ކޮށްފަ

ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ކުށުގެ ދައުވާ ސާބިތުކޮށް ރާއްޖެޓީވީގެ ނޫސްވެރިޔާ އާދަމް ޒަރީރު 3،000ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

 

ޒަރީރުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގުޅުނު ކަންމަތި ބެރިކޭޑް ޖަހާ ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދަށް ގަދަކަމުން ވަދެ އެ ސަރަހައްދަގައި ޖަހާފައިވާ ފުލުހުން ޝީލްޑްތައް ކޮއްޕައި ފުލުހުންގެ ދައުރު އަދާކުރުމަށް ޒަރީރު ދަތިކޮށްފައިވާ ކަމަށެވެ.

 

ފުލުހުންގެ ގާނޫނުގެ 72 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޒަރީރުގެ މައްޗަށް ކުރި ދައުވާގެ ހުކުމް އިއްވުމަށް ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އާދާމް އާރިފް ވިދާޅުވީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކި ބަހުގައި ދައުވާގެ އަސާސާ ގުޅޭ ފުށުއެރުންތަކެއް ނެތް ކަމަށެވެ. އަދި ދައުލަތުގެ ފަރާތުން ހުށަހެޅި ވީޑިއޯ އިން ދައުލަތުގެ ހެކިންގެ ހެކި ބަހަށް ބާރު ލިބޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

 

ގާޒީ އެހެން ވިދާޅުވި އިރު، ދައުލަތުގެ ފަރާތުން ހެކި ބަސް ދިން ދެ ފުލުހުން ބުނެފައިވަނީ ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ފާސް އަޅައިގެން ޒަރީރު ހުރިކަން ނޭނގޭ ކަމަށެވެ. އަދި އެކަކު ޒަރީރު އަތުގައި ކެމެރާ ނެތް ކަމަށް ބުނި އިރު، ދެވަނަ ހެކި ބުނެފައި ވަނީ ކެމަރާއެއް އޮތްކަން ހަނދާނެއް ނެތް ކަމަށެވެ.

 

ނަމަވެސް، ދައުލަތުގެ ފަރާތުން ހުށަހެޅި ވީޑިއޯ އިން ފެންނަ ގޮތުގައި، މުޒާހަރާ ކަވަރުކުރަން ޒަރީރު ހުރީ ކޮމިޝަނުން ދޫކޮށްފައިވާ ފާސް އަޅައިގެން، ކެމެރާއަކުން އެ ސަރަހައްދު ވީޑިއޯ ކުރުމަށެވެ. އެ ވީޑިއޯ އިން ޒަރީރު ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެނުނު ނަމަވެސް، ދައުވާގައި ބުނާ ފަދަ އަމަލެއް ހިންގައި ފުލުހުންނަށް ދަތިކުރާ މަންޒަރެއް ނުފެނެ އެވެ.

 

ޒަރީރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމް ކުރިއިރު، ގާޒީ ވަނީ މުޒާހަރާ ކަވަރުކުރަން ޒަރީރު ހުރީ ކޮމިޝަނުގެ ފާސް އަޅައިގެންކަން ފާހަގަކުރައްވާފަ އެވެ. އަދި މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެ ކަމަށާއި، މުޒާހަރާއެއް ކަވަރުކުރާ އިރު ވެސް ނޫސްވެރިންނަށް ހުރަސް އަޅައިގެން ނުވާނެ ކަން ފާހަގަކުރެއްވި އެވެ.

 

މީގެ އިތުރުން ގާޒީ ވަނީ، ފުލުހުންނަށް ވިޔަސް، ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅައި ދަތިކުރުމުގެ ބާރު ލިބިގެންނުވާ ކަމަށް ވިދާޅުވެފަ އެވެ. މުޒާހަރާ ކުރި ސަރަހައްދުގައި އެހެން ނޫސްވެރިން ވެސް ތިބިކަން ފާހަގަކުރައްވާ ގާޒީ ވިދާޅުވީ ޒަރީރު ހައްޔަރުކޮށްފައިވަނީ ނޫސްވެރިއަކަށް ވީތީކަން އެނގެން ނޯންނަ ކަމަށެވެ.

 

ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅުއްވާ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދިން ފުރުސަތުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ފުލުހުންގެ ދައުރަށް ދަތިކުރުމަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، އެ ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުން ކަމަށެވެ. އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއްކަމަށް ފާހަގަކުރެއްވި ނަމަވެސް، ދައުލަތުގެ ވަކީލު ހުށަހެޅުއްވީ ގާޒީ އަށް ފެނިވަޑައިގަންނަވާ އަދަބެއް ޒަރީރަށް ދިނުމަށެވެ.

 

ޒަރީރު ވަކީލު އަބްދުﷲ ހަސީން ހުށަހެޅުއްވީ ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ލުއި އަދަބު ދިނުމަށެވެ. ހަސީން ވިދާޅުވީ ޒަރީރަކީ މުޖުތަމައު އަށް ހުރި ނުރައްކަލެއް ނޫން ކަމަށާއި އަދި މިއީ ޒަރީރުގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ޒަރީރަކީ ޒިންމާދާރު މަގާމެއްގައި ހުރި މީހެއްކަން ފާހަގަކުރައްވާ ހަސީން ވިދާޅުވީ ޒަރީރުގެ ފަރާތުން މުޖުތަމައަށް ފައިދާކުރާ ކަމަށެވެ.

 

ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ގާޒީ އާދަމް އާރިފް ކުރެއްވި ހުކުމުގައި ވަނީ، އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމަކަށް ވިޔަސް، އެ އަދަބު އެހެން އަދަބަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ގަޒީ އަށް ލިބިގެންވާތީ، އާއި މިއީ ޒަރީރުގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރަށް ވާތީ 3،000ރ. އިން ޖޫރިމަނާ ކުރުމަށް ހުކުމް ކުރާ ކަމަށެވެ.

 

ހަސީން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ހުކުމާ ގުޅިގެން ޒަރީރު ބުނީ ފާސް އަޅައިގެން ހުރިކަމާއި ކެމެރާއެއް ހިފައިގެން ނޫސްވެރިކަން ކުރިކަން ސާބިތުވެފައި އޮއްވާ މިފަދަ ހުކުމެއް ކުރީތީ ވަރަށް ބޮޑަށް ޝުކުރުއަދާ ކުރަން ބޭނުންވާ ކަމަށެވެ.

 

ޒަރީރު މައްޗަށް ކުށް ސާބިތުކޮށް 3،000ރ. އިން ޖޫރިމަނާކޮށްފައިވާއިރު، ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރު 28،800ރ. އިން ޖޫރިމަނާ ކުރުމަށް ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ވިސާމުގެ ދެވަނަ ދައުވާގެ ހުކުމް ކުރުން މާޗް މަހުގެ 9 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ސީއޯއޯ ހުސެއިން ފިޔާޒް މޫސާގެ ޝަރީއަތުގައި ދެން އޮތީ ޚުލާސާ ބަޔާން ހުށަހެޅުމެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް