ގައުމީ 16 އަހަރުން ދަށުގެ ފިރިހެން ފުޓުބޯޅަ ޓީމުން ކުރިޔަށް އޮތް މުބާރާތްތަކަށް އަމާޒުކޮށް ފަރިތަކުރުންތައް ފަށައިފިއެވެ.
ޖުމްލަ 40 އަށް ވުރެ ގިނަ ކުޅުންތެރިންނާ އެކު 16 އަހަރުން ދަށުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، ފަރިތަކުރުންތައް ކުރިޔަށްދަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިހްސާން އަބްދުލް ޢަނީ (ސާންތި) ގެ ބެލުމުގެ ދަށުންނެވެ. އަދި އޭނާގެ އެހީތެރިޔެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ.
މީގެ އިތުރުން ޓީމުގެ ކޯޗަކީ އޭ ލައިސަންސް ކޯޗެއްކަމަށްވާ އާދަމް ހަލީމް (ޖަޑާ) އެވެ. އަދި އޭނާގެ އެހީތެރިންގެ ގޮތުގައި މުހައްމަދު ފަރީދު އާއި އިބްރާހިމް ސައީދް (ކަކާ) ހަރަކާތްތެރިވެއެވެ.
ގައުމީ 16 އަހަރުން ދަށުގެ ޓީމުގައި މި އަހަރު ބޭއްވި އިންޓަ ސްކޫލް 15 އަހަރުން ދަށުގެ މުބާރާތުން ވިދާލި ކުޅުންތެރިންނާއި، ގައުމީ ފަނަރަ އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން ހިމެނެއެވެ.
މި އަހަރުގެ ޖުލައި މަހު 16 އަހަރުން ދަށުގެ ޓީމު މި އަހަރު ޔުއެފާގެ އެހީތެރިކަމާއެކު ރާއްޖޭގައި ބާއްވާ މުބާރާތެއްގައި ބައިވެރިވާނެއެވެ. އެއަށްފަހު މި އަހަރުގެ އޯގަސްޓް މަހު އޭއެފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފިކޭޝަންސްގައިވެސް ވާދަކުރާނެއެވެ. އަދި މި އަހަރުގެ އޮކްޓޫބަރ މަހު އޮންނަ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައިވެސް މި ޓީމު ވާދަކުރާނެއެވެ.
ޒުވާން ޓީމުގެ ފަރިތަކުރުންތައް ކުރިޔަށްދަނީ ހެންވޭރު ދަނޑުގައެވެ.