ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ފިޔަވައި, މެމްބަރުންގެ އަދަދު ހަމަވާ ތިން ޕާޓީއަށް ފައިސާ ދޫކުރުމަށް އިލެކްޝަންސް ކަމިޝަނުން (އީސީ) ނިންމައިފިއެވެ.
އިލެކްޝަންސް ކަމިޝަނުން ބުނީ ފައިސާ ލިބެނީ ޕީޕީއެމްގެ އިތުރުން، އެމްޑީޕީ، ޖޭޕީ، އަދި އެމްޑީއޭއަށް ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމަށް ފައިސާ ދޫކުރަން އަދި ނިންމާފައި ނުވާ ކަމަށް އީސީއިން ބުންޏެވެ.
އީސީން ބުނީ ޕީޕީއެމަށް ފައިސާ ދޫނުކުރީ އެ ޕާޓީގެ އަހަރީ ރިޕޯޓު އިސްލާހު ކުރުމަށްފަހު އަލުން ހުށައެޅުމަށް އެދުމުން ކަމަށެވެ. އެޕާޓީގެ އަހަރީ ރިޕޯޓް ޕީޕީއެމްއިން ހުށައަޅާފައިވަނީ މުއްދަތު ހަމަވިފަހުން ބުދަ ދުވަހުއެވެ. އީސީން ވަނީ އެޕާޓީގެ އަހަރީ ރިޕޯޓު އިސްލާހު ކުރުމަށްފަހު އަލުން ހުށައެޅުމަށް ބުރާސްފަތި ދުވަހު އެޕާޓީއަށް އަންގާފައެވެ.
އެރިޕޯޓުގައި އިސްލާހު ކުރުމަށް ހުށައެޅީ ކޮން ކަންތައްތަކެއްކަމެއް ސާފެއްނުވެއެވެ.
އީސީން ޕާޓީތަކަށް ފައިސާ ދޫކުރަން ކަނޑައަޅާފައިވަނީ 22.6 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން އީސީއިން ވަނީ ނިންމާފައެވެ.
ފައިސާ ތަކުގެ ތެރެއިން އެންމެ ގިނައިން ފައިސާ ލިބެނީ އެމްޑީޕީއަށެވެ. އެޕާޓީއަށް 12.8 މިލިއަން ރުފިޔާ ލިބެއެވެ. އެހެން ޕާޓީތަކަށް ފައިސާ ލިބޭ އަދަދެއް އަދި ކަށަވަރެއް ނުވެއެވެ.
ޕާޓީތަކަށް ފައިސާ ދޫކުރާނީ އެ ޕާޓީއެއްގައި 10،000 މެމްބަރުން ހަމަވާ ނަމައެވެ. މިދިޔަ އަހަރު ވެސް އީސީން ފައިސާ ދޫކުރީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، އަދި އެމްޑީއޭއަށެވެ.