ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކައުންޓް ފްރީޒް ކުރި މައްސައިގެ އަޑުއެހުން ބާއްވައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ގުޅިގެން އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ވަނީ އިސްތިއުނާފް ކޮށްފައެވެ. ހައިކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ދައުލަތުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ބާއްވާފައި ވަނީ ބުރާސްފަތި ދުވަހުއެވެ.
އެ އަޑުއެހުމުގައި ދައުލަތުން އެމައްސަލަ އިސްތިއުނާފަށް ހުށައެޅި ސަބަބުތައް ބަޔާންކޮށް ދައުލަތުގެ ވަކީލު ވިދާޅުވީ ހައިކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް އެދިލައްވާ ކަމަށާއި ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ދޫވެއްޖެނަމަ ދައުލަތުން ލިބޭ ފައިސާ ގެއްލިދާނެތީ ފައިސަލާ ކުރެވޭ ހުކުމެއް ނެރެވެންދެން އެމަނިކުފާނުގެ ނަންފުޅުގައި އިސްލާމިކް ބޭންކް އެކައުންޓުގައި ހުރި އަށް އެކައުންޓާއި ބީއެމްއެލްގެ އެކައުންޓުތަކާއި، މޮރިޝަސް ކޮމާޝަލް ބޭންކްގައި އެމަނިކުފާނުގެ ނަންފުޅުގައި ހުޅުވާފައިވާ އެކައުންޓުން މުއާމަލާތް ކުރެވޭ ގޮތް ހުއްޓުވުމަށް އެދިލައްވާ ކަމަށެވެ.
ރައީސް ޔާމީންގެ ދިފާއީ ވަކީލު ވިދާޅުވީ އެމައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފަށް ހުށައެޅީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވެފައި އެކައުންޓުން މުއާމަލާތް ނުކުރެވޭނެ އަމުރެއް ކަން ފާހަގަ ކުރައްވާ ކަމަށެވެ. އެންޓި ކަރަޕްޝަން ކަމިޝަން(އޭސީސީ)ގެ ބެލުމުގެ ދަށުގައި ހުރި ފައިސާއެއް ގެއްލިގެން ދާނެ ފައިސާއެއް ކަމަށް ނުބެލެވޭ ކަމަށާއި އެހެން ކަމުން ހައިކޯޓުގެ އަމުރަށް ތާއީދު ކޮށް ދިނުމަށް ވަކީލު ވަނީ އެދިވަޑައިގެންފައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅުއްވި އެ މައްސަލަ ބެއްލެވީ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ އަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު އަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އެވެ.
އިސްތިއުނާފުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެން އޮންނާނީ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ އެސްއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާތީއެވެ. އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެއް މިލިއަން ޑޮލަރެވެ. އެމައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު މިހާތަނަށް ވަނީ މައްސަލައިގެ ދެ ޝަރީއަތް ބާއްވާފައެވެ.