އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
އެ މަޤާމަށް އައްޔަން ކުރެއްވީ ރ. ކަނދޮޅުދޫ ރިހިތަޅާގެ އަހުމަދު މުޙައްމަދުފުޅެވެ. އަޙުމަދު މުޙައްމަދުފުޅު މަޤާމަށް އައްޔަން ކުރެއްވީ ކުރިން އެމަޤާމްގައި ހުންނެވި މުޙައްމަދު އިބްރާހީމް ދީދީ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ހޯމް މިނިސްޓްރީން ބުނީ، އެ މަޤާމަށް އަހުމަދު މުޙައްމަދުފުޅު އައްޔަންކުރެއްވީ "ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު"ގެ ނުވަވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.
އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް އައްޔަން ކުރެއްވި އަހުމަދު މުޙައްމަދުފުޅަކީ "ބެޗެލަރ އޮފް އަރޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް" ހާޞިލް ކުރެއްވުމަށް ފަހު، "މާސްޓަރ އިން ސޯޝަލް ޕޮލިސީ" ޙާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަހުމަދު މުޙައްމަދުފުޅު އެންމެފަހުން މަސައްކަތް ކުރެއްވީ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ނެޝަނަލް ޕްރެވެންޓިވް މެކޭނިޒަމް (އެންޕީއެމް)ގެ މަޤާމްގައެވެ. އޭގެކުރިން މިނިސްޓްރީ އޮފް ޖެންޑަރގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމް އަދާކުރެއްވިއެވެ. އަދި އޭނާއަކީ ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވާލެއްވި ކޮމިޝަންގެ މެމްބަރެކެވެ.
އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަކީ މީހުން ބަންދު ކުރާތަންތަނުގެ ޙާލަތާއި އެތަންތަނުގައި ކަންހިނގާގޮތް ބަލާ މިނިސްޓަރ އޮފް ހޯމްއެފެއާޒަށް ރިޕޯރޓް ކުރުމަށްޓަކައި އައްޔަންކުރާ މީހެކެވެ.