ވިލިމާލެ ގައި ގާއިމްކޮށްފައިވާ ވަގުތީ މާރުކޭޓު މިއަދު ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ހަމްނާ ވަހީދު ރާއްޖެ.އެމްވީ އަށް ވިދާޅުވީ، ކުރީގެ ވެސްޓް ޕާކް ހިންގި ބިމުގައި އަޅާ މާލޭ ވަގުތީ މާރުކެޓު ހުޅުވަން އަދި ދެ ދުވަހެއް ނަގާނެ ކަމަށެވެ. އެކަމަކު ވިލިމާލެ ގޮޅިތައް ލިބުނު މީހުން އެގްރީމެންޓް ތަކުގައި ރޭގެ ވަގުތެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ބޭނުންވާ ސާމާނު އެތަނަށް ވެއްދުމަށް ހަމަޖެހިފައިވާ ކަމަށް ހަމްނާ ވިދާޅުވިއެވެ.
''ހަވީރަށް ފެޝޭތޯ މަސައްކަތް ކުރަނީ. ސީދާ ޔަގީންކަން ދޭކަށް ނޭގެ. ރޭގަ ސޮއި ކޮށްފައި އެންމެން ވެސް މިއަދު ތަކެތި ހޯދަން އެތަނަށް ވެއްދުމުގައި އުޅެނީ. މެންދުރެއް ހާއިރު އިގޭނީ ހަވީރަށް ފެށެންޏާ..'' އޭނާ ވިދާޅުވިއެވެ.
ވިލިމާލޭ ވަގުތީ މާރުކޭޓްގެ ގުރުއަތުލުން ބާއްވާފައިވަނީ އަންގާރަ ދުވަހުއެވެ. އެ ގުރުނެގުމުގައި 53 ފަރާތަކުން ބައިވެރިވެފައިވާ އިރު، ގޮޅި ތަރުތީބުން 20 ނަން ނެގުމަށް ފަހު އިތުރު ރިޒާވް ނަންބަރުގެ ގޮތުގައި 10 ނަން ނަގާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރޯދަ މަހު ތާޒާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ފަސޭހަކަމާ އެކު ލިބޭނެ މަގު ފަހިކޮށްގެން ހަދާ ގޮޅީގެ ބޮޑު މިނަކީ 80 އަކަ ފޫޓެވެ.