Advertisement
ކ. މާލެ
|
16 މެއި 2019 | ބުރާސްފަތި 10:24
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެ އެމްވީ
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ޔާމީން ބަންދުން ދޫކޮށްލަން ކުރި ހުކުމް ވެސް ޕީޖީއިން ސުޕްރީމްކޯޓުގައި އިސްތިއުނާފު ކޮށްފި
މި މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ބާއްވާނެ ދުވަހެއް ސުޕްރީމް ކޯޓުން އަދި ތާވަލް ކޮށްފައެއް ނުވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުން ދޫކޮށްލަން ކުރި ހުކުމް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީއިން) ސުޕްރީމްކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ. 

ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފުގެ މައްސަލައިގައި އެމަނިކުފާނު ބަންދުގައި ބެހެއްޓެން ނެތް ކަމަށް ހައި ކޯޓުން ބެންޗު ބަދަލުކުރުމަށް ފަހު ހުކުމް ކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ. 

މަނީލޯންޑަރިންގެ މައްސަލައެއްގައި ތުހުމަތު ކުރެވިގެން ޝަރީއަތަށް ނުފޫޒުފޯރުވާނެ ކަމަށް ބެލެވި، ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުކޮށް  ފެބްރުއަރީ 18 ވަނަ ދުވަހު ޖަލަށް ލިއެވެ. އޭގެ ފަހުން ބަލިހާލަތު ހުރި ގޮތުން ޑޮކްޓަރު ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ވަކި ޝަރުތުތަކާ އެކު ގޭބަންދަށް މާޗް މަހުގެ 13 ވަނަ ދުވަހު ބަދަލު ކުރިއެވެ. ބަންދުން ދޫކޮށްލުމަށް ހައިކޯޓުން ހުކުމް ކުރީ ގޭ ބަންދުގައި އެމަނިކުފާނު ހުންނަވަނި ކޮންނެވެ. 

ޔާމީންގެ މައްޗަށް ދައުވާ އުފުލީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑަކުރި މައްސަލައިގައެވެ. އެ މަނިކުފާނުގެ އެކައުންޓަށް އެސްއޯއެފް އިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އިރު އޭސީސީގެ ބެލުމުގެ ދަށަށް އެ ފައިސާ ގެންދިއުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކޮށްފައި ވަނީ އެ ފައިސާ ނޫން ކަމަށް ޚުދު އެމަނިކުފާނު ވަނީ އެއްބަސްވެވަޑައިގެންފައެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ އެކައުންޓަށް ޖަމާކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އަތުން އެމަނިކުފާނު ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށެވެ.

އެމައްސަލައިގެ ޝަރީއަތުގެ ދެ އަޑުއެހުމެއް މިހާތަނަށް ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައެވެ. ޕީޖީއިން ވަނީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެެވެ. އެމައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ބުރާސްފަތި ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ. ޔާމީން ބަންދުން ދޫކޮށްލަން ކުރި ހުކުމްގެ އިސްތިއުނާފުގެ ޝަރީއަތް ބާއްވާނެ ދުވަހެއް ސުޕްރީމް ކޯޓުން އަދި ތާވަލް ކޮށްފައެއް ނުވެެއެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް