ސަބަބެއް ނެތި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެއްވެސް މައްސަލައެއްގެ ސްޓޭންޑް ބަދަލު ނުކުރާ ކަމަށާއި ސްޓޭންޑް ބަދަލު ކުރާނަމަ ފިޔަވަޅު އަޅަން ޖެހިދާނެކަމަށް ހައިކޯޓަކަށް ނުބުނެވޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.
ހައިކޯޓުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި, ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވި ސިފައިންގެ ކުރީގެ މީހުންގެ ތެރެއިން އެކަކުގެ އިސްތިއުނާފް ޝަރީއަތުގައި އެކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ އިސްތިއުނާފް މަރުހަލާތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރާނަމަ އެކަމަކީ ޕްރޮސެކިއުޓާ ޖެނެރަލާ މެދު ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށެވެ.
އެ މައްސަލާގައި ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ބިޝާމް ވިދާޅުވީ "ހައިކޯޓުން އެ އިންޒާރުދިން ޝަރީޢަތުގައި އެފަދަ ކަމެއް ހިނގާފައި ނުވާކަމަށާއި، އެއް ކޯޓެއްގައި ދެފަހަރު ގޮސް ސްޓޭންޑް ބަދަލުކޮށްފައިވެސް ނުވާނެ" ކަމަށެވެ.
ބިޝާމް ވިދާޅުވީ ގާނޫނު އަސާސީއާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނުގައި ދައުވާކުރަން ނިންމާނިންމުން އަނބުރާ ގެނައުމާއި އެނިންމުމެއް ބަދަލުކުރުމާއި ރިވިއުކުރުމުގެ ވާހަކަ ސަރީހަ އިބާރާތުން ލިޔެފައިވާކަމަށާއި އެހެންކަމުން އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ގަބޫލުކުރައްވާކަމަށެވެ.
އެއްވެސް ސަބަބެއް ނެތި ޕީޖީގެ ސްޓޭންޑް ބަދަލު ނުކުރައްވާ ކަމަށް ބިޝާމް ވިދާޅުވެފައިވާއިރު ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމް ސާބިތު ނުވާ ކަމަށާއި އެހެން ކަމުން އެ މައްސަލަ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ. އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ހުކުމެއް ނޫންކަމަށް އެނގޭ ކަމަށް ވެސް ޕީޖީގެ ވަކީލު ވަނީ ވިދާޅުވެފައެވެ.
އެ މައްސަލައަކީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް އަދީބާ ދެކޮޅަށް ސާބިތުނުވާ މައްސަލައެއްކަން ޕީޖީއަށް އެނގުނީ ޝަރީއަތުގެ ދެ މަރުހަލާ ނިމިދިޔަ ފަހުންނެވެ. އަދި އަދީބުގެ ފަރާތުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރިތާ ވެސް އެތައް ދުވަހެއް ފަހުންނެވެ.
މީގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރި 11 އަހަރުގެ ޖަލުހުކުމަކީ ނާޒިމަށް ކޮށްގެންވާނެ ހުކުމެއް ނޫންކަމަށް ޕީޖީން އެއްބަސްވެ ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ހުކުމެއް ކަމަށް ކަނޑައެޅީ ވެސް މިދިޔަ އަހަރުގެ ތެރޭގައެވެ.