އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޒް ނިއުޒީލޭންޑްގެ ކްރައިސްޓްޗާޗުގައި ހަމަލާދިން މިިސްކިތްތައް ބައްލަވާލައްވައިފިއެވެ.
ގުޓޭރޭޒް މިހާރު ނިއުޒީލެންޑަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހަމަލާދިން ދެ މިސްކިތް ކަމުގައިވާ އަލް-ނޫރު މިސްކިތަށާއި، ލިންވުޑް މިސްކިތަށް ޒިޔާރަތްކޮށްފައި ވެއެވެ. ޒިޔާރަތަށް ފަހު ދެއްކެވި ވާހަކަފުޅުގައި ގުޓޭރޭޒް ވަނީ މަރުވީ ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. ގުޓޭރޭޒް ވިދާޅުވީ އޭނާއަށް ބުނެވޭ ބަހަކުން ހިތާމައަށް ލުޔެއް ނުލިބޭނެކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އދ. ގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީއަކާއި ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ވެސް ގުޓޭރޭޒް ވިދާޅުވިއެވެ.
ގުޓޭރޭޒްގެ ވާހަކަފުޅުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ނަފްރަތާއި ރުޅިވެރިކަން އުފައްދާ މީހުންނާ ދެކޮޅަށް އެންމެން އަތު ގުޅާލައިގެން މަސައްކަތްކުރަން ގޮވާލެއްވިއެވެ. ގުޓޭރޭޒް ވިދާޅުވީ ރުޅިވެރިކަމުގައި އެ ފަތުރަމުންދާ އަލިފާންގަނޑު ނިއްވާލަން ޖެހޭ ކަމަށެވެ.
ނިއުޒިލޭންޑުގެ ތާރީހުގައި ވެސް އެ ގައުމުގައި ދިން އެންމެ ނުރައްކާތެރި ބަޑީގެ ހަމަލާގައި 50 މީހުން މަރުވެފައި ވެއެވެ. ހުކުރު ދުވަހުގެ ހުކުރު ނަމާދު ވަގުތުގައި ދިން ހަމަލާއާ ގުޅިގެން އޮސްޓްރޭލިއާގެ ރައްޔިތެއް ކަމުގައިވާ ބްރެންޓަން ޓަރަންޓް ހައްޔަރުކުރުމަށް ފަހު މީހަކު ގަސްތުގައި މެރުމުގެ 50 ދައުވާ އުފުލާފައި ވެއެވެ.