Advertisement
ކ. މާލެ
|
14 މެއި 2019 | އަންގާރަ 03:49
މިއަހަރު ހައްޖަށް މީހުން ގެންދާ ކުންފުނިތައް ކަނޑައެޅި ގޮތް އިއުލާން ކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސް
މިއަހަރު ހައްޖަށް މީހުން ގެންދާ ކުންފުނިތައް ކަނޑައެޅި ގޮތް އިއުލާން ކުރުމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސް
ޝުއައިބް މުހައްމަދު އިގްބާލް
ހައްޖު 1440
ހައްޖަށް މީހުން ގެންދާ ކުންފުނިތައް ކަނޑައެޅި ގޮތް ބާތިލު ކުރަން ކޯޓަށް
އެ މައްސަލަ ހުށަހެޅީ ސިސިލްފަރު ގްރޫޕުން
ކުންފުނިތައް ހޮވި އިވެލުއޭޝަން ބާތިލުކޮށް ދޭން އެދިފައިވޭ
އިވެލުއޭޓް ކުރީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށް ބުނެފައިވޭ

މިއަހަރު ހައްޖަށް މީހުން ގެންދާ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ގޮތް ބާތިލު ކުރަން ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ސިވިލް ކޯޓަށް ސިސިލްފަރުން ހޯމަ ދުވަހު ހުށަހެޅި މައްސަލައިގެ ކޮޕީއެއް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. އެ ކުންފުނިން ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނެފައި ވަނީ ހައްޖަށް ގެންދާ ކުންފުނިތައް މިއަހަރު ކަނޑައަޅާފައި ވަނީ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދޭ މައުލޫމާތު ކަރުދާހުގައި ބުނެފައިވާ ގޮތާ ހިލާފަށް ކަމަށާއި ކުންފުނިތައް ހޮވާފައި ވަނީ މާލިއްޔަތު ގަވާއިދުގައިވާ އިވެލުއޭޓް ކުރުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށެވެ. އެހެންކަމުން އިސްލާމިކް މިނިސްޓްރީން ކަނޑައެޅި އިވެލުއޭޝަން ބާތިލުކޮށްދިނުމަށް ސިސިލްފަރުން ކޯޓަށް ހުށަހެޅި މައްސަލާފައި ވަނީ އެދިފައެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ޕްރޮޕޯޒަލަށް ހުޅުވައިލުމުން ކުރިމަތި 18 ކުންފުނީގެ ތެރެއިން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައި ވަނީ ހަ ކުންފުންޏަކަށެވެ. ހައްޖު ކޯޕަރޭޝަން ހިމެނޭ ގޮތަށް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ މިއަހަރު ދީފައި ވަނީ އެކްރޯ ހައްޖު ގްރޫޕާއި މިނާ ހައްޖު ގްރޫޕާއި އަލްހަރަމައިން ހައްޖު ގްރޫޕާއި ޒައި ހައްޖު ގްރޫޕުގެ އިތުރުން ތަޒްކިޔާ ހައްޖު ގްރޫޕަށެވެ.

ސިސިލްފަރުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދޭ މައުލޫމާތު ކަރުދާހުގައި ތަޖުރިބާއަށް ބަލައި ފަސް ޕަސެންޓް ދޭނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ސިސިލްފަރުގެ ތަޖުރީބާއަށް އިސްލާމިކް މިނިސްޓްރީ ދީފައި ވަނީ 0.7 ޕަސެންޓް ކަމަށެވެ. ވޭތުވެދިޔަ 35 އަހަރު އެ ގްރޫޕުން ހައްޖާޖީންގެ ހިދުމަތުގައި އުޅެފައިވާ ކަމަށާއި ތަޖުރިބާއިން އެ ކުންފުންޏަށް އެންމެ ޕަސެންޓެއް ލިބިގެން ނުދިއުމުން އެނގެނީ "އިވެލުއޭޓް ކުރާށޭ ކިޔައިގެން ކުޅިވަރު ކުޅެފައިވާ" ކަމަށް އެ ކުންފުނިން ހުށަހެޅި މައްސަލާފައި ބުނެފައިވެއެވެ.

ސިސިލްފަރުން ހުށަހެޅި މައްސަލާގައި ވަގުތީ އަމުރަކަށް ވެސް އެދިފައިވެއެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ މިހާރު އިއުލާންކޮށްފައިވާ ގޮތަށް ކުރިއަށް ގެންގޮސްފިނަމަ، އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ސިސިލްފަރަށް ލިބިދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ވޭތުވެދިޔަ 35 އަހަރު ހިދުމަތް ދެމުން އަންނަ ކުންފުންޏަކަށް ސިސިލްފަރު ވުމުން، ހައްޖާޖީންގެ އެޑްވާންސް ބުކިން ހެދުމަށާއި ދަތުރުފަތުރުގެ ކަންކަމަށާއި އެކަމަޑޭޝަންގެ ކަންކަމަށް ބޭރުގެ އެކި ފަރާތްތަކާ އެކު އެއްބެސްވުންތައް ހަދާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ބުނީ އެ ކުންފުންޏަށް ހައްޖާޖީން ގެންދިއުމުގެ ހުއްދަ ނުލިބިއްޖެނަމަ، ކުންފުނީގެ ހިދުމަތް ކުރިއަށް އޮތް ތަނުގައި ދިނުމަށް ވަރަށް ބޮޑު ހުރަކަށް އެ ކަންވާނެ ކަމަށާއި އެއީ ކުންފުންޏަށް އިއާދަ ނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމަކަށް ވާނެ ކަމަށެވެ.

ސިސިލްފަރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތް ކަމެއް އަދި އެ ކޯޓަކުން ކަށަވަރެއް ނުކޮށްދެއެވެ. އަދި އެ މައްސަލާއާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
14 މެއި 2019 | އަންގާރަ 03:55
އެޑަމް
ޚައްޖަށް މީހުން ފޮނުވުމަކީ ވިޔަފާރި އުޞުލުންކުރަންވިކަމެއް ނޫން އެކަމަކީ އެކަށީގެންވާ އަދަދެއް ނަގައިގެން ސީދާ ސަރުކާރުގެ ބެލުމުގެ ދަށުން ކުރަންވިކަމެއް. ހައްޖާ އުމްރާއާއި، ރޯދައާއި، ނަމާދާ ޒަކާތާ މިކަންކަން ވިޔަފާރި އުޞޫލުން ހުޅުވާލީމަ ކަންކަންވާނީ ގޯސް.