Advertisement
ކ. މާލެ
|
14 މެއި 2019 | އަންގާރަ 10:27
ހޯރަފުށީ އެއާޕޯޓް ފެހިކުރުމުގެ ޕްރޮގްރާމް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އިފްތިތާހުކޮށްދެއްވަނީ
ހޯރަފުށީ އެއާޕޯޓް ފެހިކުރުމުގެ ޕްރޮގްރާމް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އިފްތިތާހުކޮށްދެއްވަނީ
ޔޫތު މިނިސްޓްރީ
ހޯރަފުށީ އެއާޕޯޓް
ހޯރަފުށީ އެއާޕޯޓް ފެހިކުރަން ހޯރަފުށީގެ ކޮންމެ ގެއަކުން މަދުވެގެން 20 ގަސް ހަދިޔާކުރަން އެދިއްޖެ
ހަދިޔާކުރުމަށް 11 ވައްތަރެއްގެ ގަހުގެ ލިސްޓެއް ވަނީ އާންމުކޮށްފައި

"ހޯރަފުށި އެއާޕޯޓް ފެހިކުރުން-ފޯރިއާ އެކު ކުރިޔަށް" ޕްރޮގްރާމުގެ ދަށުން ފަށާފައިވާ 10،000 ގަސް ހަދިޔާކުރުމުގެ ޕްރޮގްރާމަށް ހޯރަފުށީގެ ކޮންމެ ގެއަކުން މަދުވެގެން 20 ގަސް ހަދިޔާކުރަން އެދިއްޖެއެވެ.

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، "ހޯރަފުށީ-އެއާޕޯޓް ފެހިކުރުން-ފޯރިއާ އެކު ކުރިޔަށް" ޝިއާރުގެ ދަށުން 10،000 ގަސް ހަދިޔާކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކުރެވިފައިވާ ކަމަށެވެ. އޭޕްރީލް މަހުގެ 26 ވަނަ ދުވަހު މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްއެވެ. 

ކައުންސިލުން ބުނީ، މި ޕްރޮގްރާމްގެ ދަށުން ހޯރަފުށީގެ ކޮންމެ ގެއަކުން މަދުވެގެން 20 ގަސް އިންދާ, މުޑުވައްކޮށް ރަށު ކައުންސިލަށް ހަދިޔާކޮށްދިނުމަކީ އެ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި، ގަސް ހަދިޔާކުރުމުގެ އެންމެ ފަހު ތާރީހަކީ 06 ޖުލައި 2019 ގެ ހޮނިހިރު ދުވަހުގެ 18:00 ކަމަށެވެ.

މީގެ އިތުރުން މި ޕްރޮގްރާމު ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދިޔުމަށް ހޯރަފުށީގެ އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ، މި ޕްރޮގްރާމް ކޯޑިނޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ކައުންސިލް މެމްބަރ އަލީ ނަސީރު އާދަމް އާއި ކައުންސިލް މެމްބަރ އަހުމަދު އިމްދާހުއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 7785363 މޯބައިލް ފޯނަށް ނުވަތަ 7704457 މޯބައިލް ފޯނަށް ގުޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ހޯރަފުށި އެއަޕޯޓް ފެހިކުރުމުގެ ޕްރޮގްރާމުގެ ދަށުން އިންދާ މުޑުވައްކުރެވިދާނެ ގަސްތަކަކީ ފިތުރޯނު، ކުދެހި، ކާނި، ހިތި ރުއް (ޖާފާނު ރުއް-ދަނބުރުއް)، މާ އަޅާ ގަސްގަހާގެހި، އޮފިއެލޭ، ކުރެދި، ގިނަވެލި، ހަލަވެލި އަދި މަގޫ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން އެތައް ފަހަރަކު އަޅައިދޭން ވައުދުވި ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ވެރިކަމުގެ 5 އަހަރު ނިމުނު އިރު ވެސް އޮތީ ކުރިއަށް ނުގެންދެވި އެވެ. އައު ސަރުކާރާ އެކު އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށައި، ބާރު ސްޕީޑްގައި ކުރިއަށް ގެންދާއިރު، އެއާޕޯޓް އެޅުމަށް ނިންމާފައިވަނީ ހޯރަފުށި ފަޅު ހިއްކައިގެންނެވެ. އުނގުލުފިނޮޅު އޮންނަ ދިމާލުން ހޯރަފުށީ ފަޅު ހިއްކާއިރު އެއާޕޯޓާއި އެ ރަށާ ގުޅާލަން ހަމަޖެހިފައި ވަނީ ކޯޒްވޭ އަކުންނެވެ.

މި އަހަރުގެ ބަޖެޓުގައި އެ މަސައްކަތަށް ހިމަނާފައިވަނީ 90 މިލިޔަން ރުފިޔާއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ މަސައްކަތަށް 80.4 މިލިޔަން ރުފިޔާ ހިމަނާއިރު، 2021 ވަނަ އަހަރު އެ ޕްރޮޖެކްޓަށް ނުވަ މިލިޔަން ހިމަނަން ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް