ރަމަޟާން މަހާ ދިމާކޮށް މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި އައިއެސް ޖަމާއަތާ ގުޅުން އޮންނަ ހަތަރު މީހަކު އެ ގަމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
މެލޭޝިޔާގެ އަވަށްޓެރި އިންޑޮނޭޝިޔާގެ ޖަކާޓާގެ ސޮޕިން މޯލަކަށް 2016 ވަނަ އަހަރު ދިން ހަމަލާ އަށް ފަހު މެލޭޝިއާ އޮތީ ހައިއެލާޓުގައެވެ.
މެލޭޝިޔާގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް އަބްދުލް ހަމިދް ބަދޯރް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރޮހިންޔާ މުސްލިމުންގެ ދެ މީހުންނާއި މެލޭޝިޔާ މީހެއްގެ އިތުރުން އިންޑޮނޭޝިޔާ މީހެއް ކަމަށެވެ. އެ މީހުންނަކީ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ އައިއެސްއަށް ނިސްބަށްވާ މީހުން ކަމަށް ވިދާޅުވިއެވެ.
ހަމިދް ވިދާޅުވީ، އެ މީހުން ރާވައިގެން ތިބީ ރޯދަ މަހުގެ ފުރަތަމަ ހަފްތާ ދިމާކޮށް ބޮޑު ހަމަލާއެއް ދިނުމަށް ކަމަށެވެ. އެ ހަމަލާ ދޭން ރާވަފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މެލޭޝިއާގެ ހިންދޫންގެ ފައްޅިއެއްގައި މުސްލިމް ފަޔަރމަން އެއް މަރާލުމުން އޭގެ ބަދަލު ހިފުމަށް ކަމަށް ހަމީދު ވިދާޅުވިއެވެ.
''އެ މީހުން ރޭވީ މުސްލިމުންގެ ހައްގުތައް ރައްކާތެރި ނުކުރާ މީހުންނާއި ދީނަށް ފާޑު ކިޔާ މީހުން މަރާލަން،'' ވީޑިއޯ މެދުވެރިކޮށް ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
ފަޔަރ މެން މަރާލި ހާދިސާއަށް ފަހު މެލޭޝިއާގެ މުސްލިމުން ވަނީ ހިންދޫން ބޮޑެތި މީހުން ފަހަތުގައި ތިބެގެން ކުރި ކަމަށް ތުހުމަތު ކޮށްފައެވެ.
ހަމަލާދޭން ރޭވި މީހުންގެ މޭސްތިރިޔާ ކަމަށް ބެލެވޭ 34 އަހަރުގެ މީހަ ހައްޔަރު ކޮށްފައިވަނީ ކުއަލަ ބެރަންގް އަވަށުންނެވެ. އޭނާގެ އަތުން ބަޑިއާ ބޮން ގޮއްވަން ގެންގުޅޭ އައިއީޑި ތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން ރޮހިންޔާގެ އުމުރުން 20 އަހަރުގެ މީހައާއި 25 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ވެރިރަށް ކުއަލަލަމްޕޫރްގެ އޯލްޑް ކްލެން ރޯޑުންނެވެ. އެމީހުން ތިބީ ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަން ފޯ ރެފިއުޖީ (ޔޫއެންއެޗްސީއާރް)ގެ ފާސް އަޅައިގެންނެވެ. ހައްޔަރު ކޮށްފައިވާ އިންޑޮނޭޝިއާގެ އުމުރުން 45 އަހަރުގެ މިހާއަކީ ސުބަންގް ޖަޔާގެ، ޒިންކް ފެކްޓަރީގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ދިޔައީ ސީރިޔާ އަށް ދާން ރާވަމުންނެވެ.
ހަމީދު ވިދާޅުވީ، އެ މީހުންގެ އިތުރު ތިން ބައިވެރިން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އެމީހުން އަތުން ފެނިފައިވާ ގޮވާ ތަކެއްޗަކީ ސީރިޔާ އިން އެތެރެ ކޮށްފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.