ކަނޑުގެ އެންމެ ފުންތަން ކަމުގައިވާ މަރިއާނާ ޓްރެންޗަށް ކުރި ޑައިވެއްގައި ޕްލާސްޓިކް ކޮތަޅެއް ފެނިއްޖެއެވެ.
އެމެރިކާ ރައްޔިތެއް ކަމުގައިވާ ވިކްޓަރ ވެސްކޯވޯއަށް ކަނޑުގެ އެންމެ ފުންމިނުން ޕްލާސްޓިކް ފެނިފައިވަނީ އޭނާ މަރިއާނާ ޓްރެންޗަށް ކުރި ރެކޯޑު ފުންމިނުގެ ޑައިވްގައެވެ. ވެސްކޯވޯ ދުނިޔޭގެ ރެކޯޑް މުގުރާލި ދަތުރުގައި، ކަނޑުގެ އަޑިއަށް ގާތްގަނޑަކަށް 11 ކިލޯމީޓަރު ފުނަށް ސަބްމަރިސިބަލްގައި ފީނާފައިވެއެވެ.
މަރިއާނާ ޓްރެންޗަށް ސަބްމަރިސިބަލް އެއްގައި ފީނުމަށް ފަހު ވެސްކޯވޯ ހަތަރު ގަޑިއިރު އެ ސަރަހައްދު ދިރާސާ ކުރުމުގައި ހޭދަކުރިއެވެ. ވެސްކޯވޯ ބޭނުން ކުރި ސަބްމަރސިބަލްއަކީ ކަނޑުއަޑީގެ އެންމެ ބާރުގަދަ ޕްރެޝަރުގައި ބޭނުންކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އުޅަނދެކެވެ. ވެސްކޯވޯއަށް ކަނޑުގެ އެންމެ އަޑިން ޕްލާސްޓިކް ކޮތަޅެއްގެ އިތުރުން، މެޓާ ބަންދުކުރަން ބޭނުން ކުރާ ޕްލާސްޓިކް ފެނިފައިވެއެވެ.
ޕްލާސްޓިކުގެ އިތުރުން، ޑިނގާއާ ވައްތަރު ކްރަސްޓޭޝަންސްތަކެއް ކަމުގައިވާ އެމްފިޕޮޑްގެ އާ ހަތަރު ވައްތަރެއް ފެނިފައިވާ ކަމަށް ވެސް ވެސްކޯވޯގެ ޓީމުން ބުނެފައިވެއެވެ. މި ފީނުންތަކުގައި ކަނޑު އަޑީގެ ބިންގަނޑުން ގަލުގެ ސާމްޕަލްތަކެއް ނަގާފައިވެއެވެ. އަދި ކަނޑުއަޑިން ފެނުނު ބައެއް ދިރޭތަކެތީގެ ބަނޑުގައި ޕްލާސްޓިކް ހުރިތޯ ދިރާސާކުރަން ބައެއް ދިރޭތަކެތި ވެސް ނަގާފައިވެއެވެ.
މަރިއާނާ ޓްރެންޗުގެ އަޑިއަށް ފީނި ފީނުމަކީ "ފައިވް ޑީޕްސް އެކްސްޕެޑިޝަން" ގެ ފަސް ފީނުމުގެ ތެރެއިން އެއް ފީނުމެވެ. މިއީ ދުނިޔޭގެ ފަސް ކަނޑުގައިވާ އެންމެ ފުން ތަންތަނަށް ދިޔުމަށް ފަށާފައިވާ މަސައްކަތެކެވެ. މިހާތަނަށް މި މަސައްކަތުގެ ތެރެއިން، މިދިޔަ ހަ މަހުގެ ތެރޭގައި އެޓްލާންޓިކް ކަނޑު (އެޓްލާންޓިކް އޯޝަން)ގެ ޕުއެޓޮ ރީކޯ ޓްރެންޗް (ފުންމިން: 8376 މީޓަރު)، ދެކުނު ކަނޑު (ސަދަން އޯޝަން)ގެ ސައުތް ސޭންޑްވިޗް ޓްރެންޗް (ފުންމިން: 7433 މީޓަރު)، އަދި އިންޑިއާ ކަނޑު (އިންޑިއަން އޯޝަން)ގެ ޖާވާ ޓްރެންޗަށް ފީނާފައިވެއެވެ.
މި ޓީމުގެ ފީނުމުގެ ސިލްސިލާގައި ދެން ފީނަން އޮތީ އާކްޓިކް ކަނޑު (އާކްޓިކް އޯޝަން)ގެ މޮލޯއީ ޑީޕަށެވެ. ވެސްކޯވޯގެ ޓީމުން މި ފީނުން ތާވަލް ކޮށްފައިވަނީ މި އަހަރުގެ އޮގަސްޓު މަހަށެވެ. ޑިސްކަވަރީ ނެޓްވޯކަށް މި ފީނުންތަކުގެ ޑޮކިއުމެންޓްރީއެއް ތައްޔާރުކުރުމުގެ މަސައްކަތް އެޓްލާންޓިކް ޕްރޮޑަކްޝަނުން އަންނަނީ ކުރަމުންނެވެ.
މި މަޝްރޫއަށް ފަންޑުކުރަނީ ވިކްޓަރ ވެސްކޯވޯ އަމިއްލައަށެވެ. ޕްރައިވެޓް އިކުއިޓީ އިންވެސްޓަރެއް ކަމުގައިވާ ވެސްކޯވޯ ވަނީ އެންމެ އަޑިއަށް ފީނުމުގެ ކުރިން، ދުނިޔޭގެ ހަތް ބައްރުގައި ހުރި އެންމެ އުސް ފަރުބަދަތަކަށް އަރާފައެވެ.