ވިކިލީކްސްގެ ކޯ-ފައުންޑަރ ޖޫލިއާން އަސާންޖްގެ މައްޗަށް 2010 ވަނަ އަހަރު ކުރި ރޭޕްގެ ތުހުމަތުގެ ތަހުގީގު އަލުން ފެށުމަށް ސްވިޑެންގެ ޕްރޮސިކިއުޓަރުން ނިންމައިފިއެވެ.
މި ތަހުގީގު ފެށީ ރޭޕްގެ ޝިކާރައަކަށް ވީ ކަމަށް ބުނެވޭ މީހާގެ ވަކީލުގެ އެދުމަކަށެވެ.
މި ތުހުމަތުތައް ދޮގުކުރާ އަސާންޖް ވަަނީ އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީން 2012 ވަަނަ އަހަރުން ފެށިގެން ހިމާޔަތް ހޯދުމަށް ފަހު ހަތް އަހަރު އެތަނުގެ ތެރޭ ހުރެ އެކްސްޓްރަޑިޝަން އަށް ފިލާފައެވެ.
ނަމަވެސް އުމުރުން 47 އަހަރުގެ އަސާންޖް މިދިޔަ މަހު ވަނީ އެތަނުން ނެރެލާފައެވެ. އޭގެ ފަހުން އޭނާގެ މައްޗަށް ވަނީ ކަފާލާތުގެ އުސޫލުތަކާ ޚިލާފުވި ކަމަށް ނިންމައި 50 ހަފްތާއަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
އަސާންޖް މިވަގުތު ހުރީ ލަންޑަންގެ ބެލްމާޝް ޖަލުގައެވެ.
އޭޕްރީލް 11 ވަނަ ދުވަހު އިކުއެޑޯ އެމްބަސީގައި ހުއްޓައި އަސާންޖް ހައްޔަރު ކޮށްފައި ވަނީ، އިކުއެޑޯ އިން އޭނާއަށް ދީފައިވާ ހިމާޔަތް އަނބުރާ ގެންދިއުމާ ގުޅިގެންނެވެ. އިކުއެޑޯ އިން ހިމާޔަތް އަނބުރާ ގެންގޮސްފައި ވަނީ އަސާންޖް އެޤައުމުގެ ޚާރިޖީ ކަންކަމާ ބެހޭ ކަމަށް ތުހުމަތު ކުރުމަށް ފަހުއެވެ. ނަމަވެސް ގިނަ ފަރާތްތަކަކުން ތުހުމަތު ކުރާ ގޮތުގައި އިކުއެޑޯގެ ނިންމުމަކީ ވިކިލީކްސްއިން އިކުއެޑޯއާ ގުޅޭ ލިޔެކިޔުންތަކެއް ލީކުކޮށްލުމާ ގުޅިގެން ނިންމި ނިންމުމެކެވެ.
އަސާންޖް އެމްބަސީގައި ހުރުމުން އޭނާގެ އަތު ނުޖެހޭތީ އޭނާގެ މައްޗަށް ތަހުގީގު ނުހިންގުމަށް މީގެ ދެ އަހަރުކުރިން ސްވިޑެންގެ ޕްރޮސިކިއުޓަރުން ނިންމިއެވެ.
ނަމަވެސް ސްވިޑެންގެ ޕަބްލިކް ޕްރޮސިކިއުޝަންސްގެ ޑެޕިއުޓީ ޑިރެކްޓަރ އިވާ-މޭރީ ޕަރސަން ވަނީ އަސާންޖް އެ ކުށް ކުރިކަމަށް އަދިވެސް ބެލެވޭތީ އެ ތަހުގީގު އަޅުން ހިންގާނެކަން އިއުލާނު ކުރައްވާފައެވެ.
އެކްސްޓްރެޑިޝަންގެ ދަށުން އިނގިރޭސި ވިލާތުން އެމެރިކާއާ އަސާންޖް ހަވާލު ކޮށްދިނުމަށް އެމެރިކާ އިން ވެސް އެދެއެވެ. އެމެރިކާއިން އޭނާ ބޭނުންވެގެން އުޅެނީ 2010 ވަނަ އަހަރު އަސްކަރީ އަދި ޑިޕްލޮމެޓިކް މައުލޫމާތުތަކެއް އާއްމުކުރުމުގައި އޭނާ އަދާކޮށްފައިވާ ކަމަށް ބެލެވޭ ދައުރާއި ގުޅިގެންނެވެ.